ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގ. ރީފް މުހައްމަދު ނަބީލުގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިދިނުމަށް ނަބީލުގެ ވަކީލު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ކަޓަރުތިލައަކުން ހަމަލާދީ ފަރުހާދު މަރާލާފައި ވަނީ 2009 ވަނަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ މައްސަލާގައި ނަބީލް މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ނަބީލު މެރުމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަބީލްގެ ވަކީލު ވިދާޅުވީ މައްސަލާގައި ބޮޑެތި ޝައްކުތަކެއް ހުރުމާއި ބަލަންޖެހޭ ކަންކަން ނުބަލައި ހުރުމުން އެމައްސަލަ އަލުން ބަލަން ޖެހޭނެކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން އެމައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ފޮނުވާދިނުމަށް ނަބީލުގެ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ފަރުހާދު ގަޔަށް ކަޓަރު އެއްލީ ނަބީލުކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި މައްސަލާގައި ޝައްކުކުރެވޭ އެހެން މީހެއްގެ ގައިން ފަރުހާދުގެ ޑީއެންއޭ ފެނުނަށް އެއީ ނަބީލް ސަލާމަތްވާނެ ކަމެއް ނޫންކަމަށް ދައުލަތުގެ ވަކީލު ބުންޏެވެ.

އޭގެ އިތުރުން ބަންދު މުއްދަތު މަޖިލީހުގައި ނަބީލު ވީ އިއުތިރާފަށް ހެކިންގެ ހެކިބަހުން ބުރަދަން ލިބޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފަރުހާދަށް ނަބީލް ހަމަލާދިންކަމަށް ބުނާއިރު ކަޓަރު އެއްލީ ނަބީލުކަން ސާބިތުކޮށްދެވިފައިނުވާ ކަމަށް ނަބީލުގެ ވަކީލު ވިދާޅުވި އެވެ. އަދި އެއްލީ ވަޅިއެއްކަމެއް ނުވަތަ ކަޓަރެއްކަމެއްވެސް ހެކިންގެ ހެކިބަހުން ނޭންގޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން މައްސަލައިގެ ތަހުގީގު މަރުހަލާގައި ނަބީލު އެއްބަސްވީ ބިރުދެއްކުމުން ކަމަށާއި، އެހެންކަމުން އެޔަށް ބުރަދަން ނުދެވޭނެކަމަށް ވަކީލު ވަނީ ބުނެފަ އެވެ.

މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލީކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އިއުލާނު ކުރައްވައިފަ އެވެ. ނަމަވެސް ހުކުމް އޮންނަ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ.

އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ނަބީލު މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މާރާމާރީ ހިންގި ކަމަށެވެ.

އޭގެ ފަހުން ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮ އާމިނަތު ނިއުމާއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެމީހުންގެ ކިބައިން ސަލާމަތްވާން ވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ފަރުހާދުގެ މަރާ ގުޅިގެން މ. ބްލޫލޭކް ލޮޖް އަލީ ރަޒީން އާއި މ. ރޭ އަލިވާގޭ އިބްރާހިމް ނައުފަލްގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. ނަމަވެސް އެ މީހުން އޭނާ މަރާލުމުގައި ބައިވެރިވިކަން ސާބިތުނުވާ ކަމަށް ކަނޑައަޅައި އަމަން ނަގާލުމުގެ ކުށުގައި އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށްލުމަށް ކުރީގެ ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.