ލަންޑަން : އަފްޣާނިސްތާނުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޤައުމުގައި ކުރިން ވެރިކަންކުރި ތާލިބާން ޖަމާޢަތާ އެކު އެމެރިކާއިން ސުލްޙައިގެ ސީދާ ވާހަކަތަކެއް ދައްކަން ފަށައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

ލަންޑަން ގައި ނުކުންނަ "ދަ ޑެއިލީ ޓެލްގްރާފް" ނޫސް ބުނިގޮތުގައި މިވާހަކަތަކުގައި އެެމެރިކާގެ މަސްއޫލުވެރިންނާއެކު ބައިވެރިވެވަޑައިގަންނަވަނީ ތާލިބާނުންގެ ޒަޢީމް މުއްލާ މުޙައްމަދު ޢުމަރާ ވަރަށް އަރިސް ބޭފުޅުންކޮޅެކެވެ. އެެމެރިކާއާއި ތާލިބާނުންގެ ސުލްޙައިގެ ވާހަކަތަކުގެ ތިންބުރު މިހާތަނަށް ބާއްވައިފި ކަމަށާއި މިވާހަކަތައް ބާއްވާފައިވަނީ ޤަތަރާއި ޖަރުމަނުގައި ކަމަށްވެސް މިނޫސް ބުނެއެވެ.

ތާލިބާނުން ބަލިކުރުމަށް އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންގެންދާ 10 އަހަރުވީ ހަނގުރާމަ ނާކާމިޔާބުވެ ތާލިބާނުން ބަލިނުކުރެވޭނެކަން ޔަޤީންވުމުން އެމެރިކާއާއި ނޭޓޯގެ ބާރުތައް މިހާރުވަނީ އަފްޣާނިސްތާނުން ފޭބުމަށް ނިންމާފައެވެ.
މިގޮތުން ނޭޓޯގެ ބާރުތައް އަންނަ ޖޫންމަހު އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށާއިރު އެމެރިކާވެސް މިއަހަރުގެ ފަހުކޮޅު އަފްޣާނިސްތާނުން ފައިބަންފަށާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

ތާލިބާނުންގެ ސަރުކާރު ވައްޓާލުމުގައި އެމެރިކާ ކާމިޔާބު ހޯދިނަމަވެސް އަފްޣާން ބިމުން ތާލިބާން ބަލިކުރުމަށާއި އެޖަމާއަތުގެ ބާރުކަނޑުވާލުމުގައި އެމެރިކާއާއި ޔޫރަޕްވަނީ ޢަސްކަރީ ގޮތުން ނާކާމިޔާބުވެފައެވެ.

ތާލިބާނުންވަނީ އެއްވެސް ޝަރުތަކާނުލައި އަފްޣާނިސްތާނުން އެެމެރިކާ ފޭބުމުން ނޫނީ ފޭބުމަށް އެއްބަސްވުމުން ނޫނީ އެމެރިކާއާއެކު ސުލްޙައިގެ ވާހަކަތައް ނުދައްކާނެކަން ހާމަކޮށްފައެވެ.

ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ސިފަކޮށް އެޖަމާޢަތާއެކު އެއްވެސް ގުޅުމެއް އަދި ބައްދަލުވުމެއްވެސް ނުބާއްވާނެ ކަމަށްބުނެ އެމެރިކާގެ ހަރުކަށި މަސްއޫލުވެރިންނާއި މެދުމިނުގެ މަސްއޫލުވެރިންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އެމެރިކާއާއެކު ސުލްޙައިގެ ވާހަކަތަކެއް ފެށިކަން ތާލިބާނުންވެސް އަދި އެމެރިކާ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. (އަލްޢާލަމް)