ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި އިބްރާހިމް ހުސައިން (އިއްބަޑޭ)ގެ ކާމިޔާބީއަކީ ސީދާ ދިވެހި ރައްޔިތުންނަށް ހޯދައިދިން ކާމިޔާބީއެއް ކަމަށް އޭނާ ބުނެފި އެވެ.

ފްރާންސްގައި ކުރިއަށް ދިޔަ އެ މުބާރާތް ނިންމާލުމަށް ފަހު މިއަދު މާލެ އައިސް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އިއްބަޑޭ ބުނީ އެ މުބާރާތަކީ ޔޫރަޕްގައި ބާއްވާ ފުލައިބޯޑިންގެ އެންމެ ޝަރަފުވެރި ބޮޑު މުބާރާތް ކަމަށާއި ދުނިޔޭގެ މޮޅެތި ގިނަ ފްލައިބޯޑަރުންނާ ވާދަކޮށް ތިން ވަނަ ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

ފްރާންސްގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި އިއްބަޑޭ(ކ) އެ މުބާރާތުން އެއް ވަނަ އަދި ދެވަނަ އަށް ދިޔަ ފްލައިބޯޑަރުންނާއި އެކު ---

"ގާތްގަޑަކަށް 27 ވަރަކަށް ގައުމުން ބައިވެރިވި ޔޫރަޕްގައި ވެސް އަލަށް ކުރިއަށް ގެންދިޔަ މުބާރާތެއް މިއީ. މި ކާމިޔާބީއަކީ ސީދާ ދިވެހި ރައްޔިތުންނަށްޓަކައި ހޯދައިދިން ކާމިޔާބީ އެއް،" އިއްބަޑޭ ބުންޏެވެ.

ރާއްޖޭގައި ފްލައިބޯޑިން ކުރިއަރުވަން ގިނަ މަސަތްކަތް ތަކެއް ކޮށް ރާއްޖެ އިން ބޭރުގެ މުބާރާތް ތަކުގައި ވެސް ވާދަކުރަމުން އަންނަ އިއްބަޑޭ ބުނީ މި ލިބުނު ކާމިޔާބީގެ ސަބަބުން ރާއްޖޭއިން ވެސް އެކްސްޓްރީމް ކުޅުވަރުތަކުގައި ވާދަ ކުރެވޭނެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

"ވަރަށް އެކްސްޓްރީމް ކުޅިވަރެއް މިއީ. ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ފްލައިބޯޑަރުންނާއި އެކު ވާދަކޮށް އޭގެން ރަނގަޅު ނަތީޖާ އެއް މި ހޯދީ. މުޅި ޔޫރަޕްގެ ވެސް ތިން ވަނަ. މިއީ ދިވެހި ރާއްޖެ އަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް،" އިއްބަޑޭ ބުންޏެވެ.

ފްރާންސްގައި ކުރިއަށް ގެންދިޔަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އިއްބަޑޭ ވާދަކުރަނީ ---

މިދިޔަ އަހަރު ދުބާއީގައި 46 ފްލައިބޯޑަރުންނާއެކު ކުރިއަށްދިޔަ ފްލައިބޯޑް ވޯލްޑް ކަޕްގައި ދުނިޔޭގެ 26 ވަނަ ހޯދި އިއްބަޑޭ ބުނީ މިއަހަރުގެ އަމާޒަކީ މިއަހަރުގެ މުބާރާތުގައި އިތުރު ކުދިންތަކަކާއި އެކު އެ މުބާރާތުގައި ވާދަކުރުން ކަމަށެވެ.

އިއްބަޑޭ ބުނީ އޭނާގެ އުންމީދަކީ ރާއްޖެ އިން ގިނަ ކުދިންތަކެއް މި ކުޅުވަރުގެ ތެރެއަށް ވަދަ އޭނާއަށް ވުރުން މޮޅެތި ފްލައިބޯޑަރުންތަކެއް އުފެދިގެން ދިއުން ކަމަށެވެ.