22 Jun 2016, 17:40
ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ދުވާލު ވަގުތުގައި ކައިގެން، 17 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނަށް 17 މައްސަލައެއް ހުށަހަޅާފައި ވީނަމަވެސް، ހައްޔަރުކޮށްފައި ވަނީ ތިން މައްސަލައަކާ ގުޅޭ މީހުންނެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް މަގުބޫލު އުޒުރެއް ނެތި ރޯދަ ނުހިފާ ކައިގެން ގއ. ގެމަނަފުށިން ތިން ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަހަރާއި 21 އަހަރާއި 18 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ އުޒުރެއްނެތި ރޯދައަށް ނުހުންނަ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ހުށައެޅުމަށް އިލްތިމާސްކުރާ ކަމަށާއި އޭރުން އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ގަސްތުގައި ރޯދަ ދޫކުރުމަކީ ފާފައަކަށް ވާއިރު، އެމީހަކު ތައުބާވެ އަލުން އެރޯދަ ހިފަން ޖެހޭނެ އެވެ.