އިސްލާމީ ޝަރީއަތް ހިނގާ ގައުމެއްގައި ޝަރުއީ އަދި ގާނޫނީ ގޮތުން ހިލާފު ހުކުމެއް ކޮށްފިނަމަ އެ ހުކުމް ކުރުމުގައި ބައިވެރިވާ އެންމެނަށް އަޒާބު ލިބޭނެ ކަމަށް ޑރ. އަފްރާޝީމް އަވަހާރަކޮލުމުގެ ކުށުގައި މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް މުހައްމަދު ބުނެފި އެވެ. އޭނާ އެހެން ބުނީ ރަސޫލާގެ ހަދީސަކާ ހަވާލާ ދީ އެވެ.

ހުމާމް މެރުމަށް ކްރިމިނަލް ކޯޓަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ޕީޖީއިން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަހުބަަސް ބުނުމުގެ ފުރުސަތު ހުމާމަށް ދިނުމުން ހުމާމް ބުނީ ހެކިންގެ ހެކިބަހުން މައްސަލައެއް ސާބިތު ނުވެއްޖެ ނަމަ ދެން އޮންނާނީ ހަތިމުގައި އަތްލާ ހުވާކޮށްވާ އިއުތިރާފު ކަމަށެވެ.

އިސްލާމީ ޝަރީއަތް ހިނގާ ތަނެއްގައި އިންސާފުން ބޭރުން ހުކުމެއްކޮށްފިނަމަ އެކަމުގެ އަޒާބު ހުކުމް ކުރާ އެންމެނަށް ލިބޭނެ ކަމަށް ރަސޫލާގެ ހަދީސުން ސާބިތުވާ ހުމާމް ބުންޏެވެ. އަދި "ބުނެލަން ބޭނުންވާ ވާހަކައަކީ އެއީ" ކަމަށް ހުމާމް ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލާގައި ޖަވާބުދާރީވުމަށް ލިބުނު ފަހު ފުރުސަތުގައި ހުމާމުގެ ފަރާތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފިވެފައި ވަނީ ފުލުހުން ބިރުދައްކައިގެން ކަަމަށް ހުމާމްގެ ވަކީލު އަބްދުﷲ ހަސީނު ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ހުމާމްގެ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ބަލާފައި ނުވާ ކަމަށް ހަސީން ވިދާޅުވި އެވެ.

އޭގެ އިތުރުން ހުމާމްގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް މާފުށީގައި ހުންނަ ޑޮކްޓަރު ބުނެފައިވާ ކަމަށާއި އަދި ހުމާމް ސައިކޭޓްރިސްޓަކަށް ދައްކަން ލަފާ ދިނުމުން އެކަންވެސް ކޮށްދީފައިނުވާ ކަމަށް ހަސީން ވަނީ ވިދާޅުވެފަ އެވެ.

ހުމާމް ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް ރުޖޫއަ ނުވެވޭނެ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ހަސީން ވަނީ ވިދާޅުވެފަ އެވެ. އަދި ޑރ އަފްރާޝީމް އަލީގެ ޑީއެންއޭ ހުމާމުގެ އަންނައުނުން ފެނުނު ކަމަށް ބުނި ނަމަވެސް މަޖުބޫރު ކޮށްގެން އިއުތިރާފު ކުރުވުމަށް ފަހު މިނިވަން ތަހުގީގަކާއި ނުލައި ފުލުހުން ހެދި ފޮރެންސިކް ތަހުލީލެއް ގަބޫލު ނުކުރެވޭނެ ކަމަށް ހަސީނު ވަނީ ވިދާޅުވެފަ އެވެ.

މީހަކު މަރައިގެން ގިސާސް ހިފުމަށް ވާރިސުންގެ ބަސް ބޭނުންވާ ކަމަށާއި އެ މައްސަލާގައި ޑރ އަފްރާޝީމް އަލީގެ 18 އަހަރު ނުފުރޭ ކުޑަކުދިން ތިބުމުން އެ މީހުންގެ ބަސް ނުނަގާ ގޮތަށް ދަށު ކޯޓުން ނިންމީ މާލީކީ މަޒުހަބުގައި ކަންކުރަނީ އެގޮތަށް ކަމަށް ބުނެފައި ކަމަށް ހަސީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒުހަބަށް ކަމުން އެ މަޒުހައބުގައިވާ ގޮތަށް ޑރ އަފްރާޝީމް އަލީގެ ބާލިޣު ނުވާ ކުދިން ބޮޑުވަންދެން ހުމާމް ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ދެކޭ ކަމަށް ހަސީން ވަނީ ވިދާޅުވެފަ އެވެ.

ހުމާމްގެ ވަކީލު ފާހަގަކުރި ނުކުތާތަކާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ މަޖުބޫރުކޮށްގެން މައްސަލައަށް އިއުތިރާފުވީ ކަމަށް ހުމާމް ބުނާ ވާހަކައިގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެއީ މައްސަލާގައި އިއުތިރާފުން ހުމާމް ރުޖޫއަވީއިރު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުން މަޖުބޫރެއް ނެތްކަން ހާމަވާ ކަމަށެވެ.

ނަފްސާނީ މައްސަލަތަކެއްގެ ސަބަބުން ހުމާމް އިއުތިރާފުވި ކަމަށް ބުނި ނަމަވެސް ހުމާމް އިއުތިރާފުވެ ޝަރީއަތުގެ މަޖިލީހުގައި ކަން ހިނގާ ދިޔަ ގޮތް ކިޔައިދީފައިވާ ގޮތާއި އެ މައްސަލާގައި ހެކިން ދިން ހެކިބަހާ ދިމާވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ހުމާމަށް އިއުތިރާފުން ރުޖޫއަވެވޭނެ ތަނެއް ނެތްކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

ނަފްސާނީ މައްސަލަތައް ވަރަށް ގިނަ ފަރާތްތަކުގެ ހުންނަ ކަމަށާއި ނަމަވެސް ޖިނާއީ ކުށަކުން ބަރީއަތްވެވޭނެ މިންވަރަށް ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދައުލަތުގެ ފަރާތުން ވަނީ އެދިފަ އެވެ. މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ހުކުމް ކުރާނެ ދުވަހެއް އިއުލާނުކޮށްފައެއް ނުވެ އެވެ.

މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެވެ. އެ މައްސަލައިގެން ބެންޗުގައި ދެން ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.