22 Jun 2016, 15:45
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުތަކަކީ، ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ، ހީލަތްތެރި ބިލެއް ކަމަށް އަދާލަތު ޕާޓީއިން ބުނެފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހުތައް ބަލައިގަންނަން އިއްޔެ މަޖިލީހުން ފާސްކުރީ 35 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލު ދިރާސާ ކުރަން ފޮނުވި އިގްތިސާދީ ކޮމެޓީން މިއަދު ވަނީ މަސައްކަތް ފަށައިގެންފަ އެވެ.
ބިލުގެ މުހިންމު ބައިތައް:
- ފަޅާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ރައީސް އޮފީހުގެ ހުއްދައާ އެކު
- އާންމުކޮށް އިއުލާނު ނުކޮށް ވެސް ކުއްޔަށް ދޫކުރެވިދާނެ
- ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ވިއްކުމުގެ އިހްތިޔާރު ސަރުކާރަށް ދިނުން
- ކުއްޔަށް ދޫކުރާ ތަނަކީ ތިމާވެށީގެ ގޮތުން މަޝްރޫއު ހިންގެންޖެހޭނެ ތަނަކަށްވުން
- ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީ އެއްފަހަރާ ދައްކާ ނިންމުން
- ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުން.
މި ބިލު މަޖިލީހުން ބަލައިގަތުމާ ގުޅިގެން އަދާލަތު ޕަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބަލާލި ކޮންމެ ދިމަލަކުން ސަރުކާރުގެ ކޮރަޕްޝަން ފެންނަމުންދާ ދަނޑިވަޅޭއްގައި މި ބިލު ވެގެން ދާނީ ކޮރަޕްޝަނަށް ހުޅުވޭ ބިޔަ ދޮރަކަށް ކަމަށެވެ.
"މި ބިލަކީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ރާއްޖޭގެ ރަށްތަކާއި ބިންތަކާއި ފަޅުތައް ދިނުމަށް ހުށަހަޅާފައިވާ ވަރަށް ހިީލަތްތެރި ބިލެއް ކަމުގައި ދެކެމެވެ،" އަދާލަތުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އަދާލަތު ޕާޓީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބުތަކާއި ކުރިއެރުން ލިބުނީ، ފަތުރުވެރިކަމުގައި ރަށްތައް ދޫކުރުމުގައި ގެންގުޅުނު ހާމަކަން ބޮޑު، ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ. އަދި އެ އުސޫލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓަރުންގެ އިތުބާރު ލިބި، ގިނަ އިންވެސްޓްމެންޓުތަކެއް ރާއްޖޭގައި ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.
ނަމަވެސް ސަރުކާރުން "ސިޔާސީ ބޭނުންތަކަކަށްޓަކައި" ހުށަހެޅި އިސްލާހަުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓަރުން ކުރާ އިތުބާރު ގެއްލި، ވިޔަފާރީގެ ވާދަވެރިކަން ގެއްލި، ބައެއްގެ މުށުތެރެއަށް އިންޑަސްޓްރީގެ ކޮންޓްރޯލު ވެއްޓުން ފަދަ ކަންކަމާ ކުރިމަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.
މީގެ އިތުރުން އަދާލަތު ޕާޓީން ބުނީ، ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލައިގައި ދައުރުވި ފައިސާޢަކީ ވެސް އާންމުކޮށް އިއުލާނު ނުކޮށް، އަދި ވާދަވެރި ބީލަމުގެ އުސޫލެއް ނެތި ދޫކުރި ރަށްތަކަކާއި ފަޅުތަކަކާ ގުޅޭ ފައިސާ ކަން އެނގޭ އިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެހެން މަގަކުން ހަމަ މި ކަން ކުރުމަށް ކަމަށެވެ.
މި ބިލާ މެދު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބަހުސް ކުރައްވަމުން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ، އެ ބިލުގެ ސަބަބުން ރަށްތައް ކުއްޔަށް ދިނުމުގެ ކަންކަން ވަކި ގާނޫނަކަށް ފެތި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ، މިހާރު ހުށަހަޅުއްވާފައިވާ ބިލަކީ ގާނޫނުގެ ތެރެއިން ކޮރަޕްޝަން ހުއްދަ ކުރުން ކަމަށެވެ.