ވޯލްޑް ލަގްޒަރީ އެސްޓޯރަންޓް އެވޯޑު 2016ގައި، އޭޝިއާ ސަރަހައްދުގެ ލަގްޒަރީ ހޮޓެލް ރެސްޓޯރަންޓް އެވޯޑު ލިލީ ބީޗު ރިސޯޓުގެ ލެ ޓާކުއިސް ދަކުއާ ރެސްޓޯރަންޓަށް ލިބިއްޖެ އެވެ.

ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓް އެވޯޑްސްއަކީ މި އަހަރު ދޭން ފެށި އެވޯޑެކެވެ. މި އެވޯޑު ހަފްލާ ބާއްވާފައި ވަނީ ސުވިޓްޒަލެންޑްގެ ޕޮންޓްރެސީނާގައި ހުންނަ ގްރޭންޑް ކްރޮނެނޮފް ހޮޓެލްގައި، 2016 ޖޫން 18 ވަނަ ދުވަހު އެވެ.

މި އެވޯޑަކީ، ލަގްޒަރީ ރެސްޓޯރަންޓްތަކުން އެ ތަންތަނުގެ ޚިދުމަތްތައް ފުރިހަމަކަމާއި އެކު ފޯރުކޮށްދިނުމާއި ރަނގަޅު މެނޫތަކެއް ތައްޔާރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ލިލީ ބީޗް ރިސޯޓުން ބުނާ ގޮތުގައި، ލެ ޓާކޮއިސް ދަކުއާ ރެސްޓޯރަންޓަކީ ލަގްޒަރީ ޑައިނިންގް ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭ، ފެންވަރު ރަނގަޅު ރެސްޓޯރަންޓެކެވެ. އަދި ލިލީ ބީޗު ރިސޯޓުގައި ހޭދަ ކުރާ ޗުއްޓީއަކީ މެމޯރަބްލް ޗުއްޓީއަކަށް ހަދައިދޭ މައިގަނޑު އެއް ސަބަބަށް، މި ރެސްޓޯރަންޓު ވާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

ވޯލްޑް ލަގްޒަރީ ރެސްޓޯރަންޓްސް އެވޯޑަކީ ލަގްޒަރީ ރެސްޓޯރަންޓްތަކަށް ދުނިޔޭގެ ފެންވަރުގެ ރެކޮގްނިޝަން ދިނުމަށް ދެވޭ އެވޯޑެކެވެ. އެވޯޑުތައް ދެނީ ބައިނަލްއަގުވާމީ ގޮތުގެ އިތުރުން ބައްރުގެ ފެންވަރާއި އެކި ގައުމުތަކުގެ ފެންވަރުގައި މިން ކޮށްގެންނެވެ. އެގޮތުން، 78 ކެޓެގަރީއަކުން އެވޯޑު ދީފައިވާ އިރު، އެވޯޑު ލިބޭ ފަރާތްތައް ހޮވީ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުންނެވެ.

އދ. ހުވަހެންދޫގައި ހަދާފައި ހުންނަ ލިލީ ބީޗު ރިސޯޓް އެންޑް ސްޕާއަކީ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެކެވެ.