ގުދުރަތީ އާ ހަތް އަޖައިބު މުބާރާތުން ރާއްޖެ ވަކިކުރަން ސަރުކާރުން އިއްޔެ ނިންމައިފައިވާ ނަމަވެސް، ރަސްމީކޮށް ރާއްޖެ ތަމްސީލު ކުރުމަށް ހުށަހެޅުންތަކެއް ރާއްޖެއިން ލިބިފައިވާތީ، މުބާރާތުގައި ރާއްޖެ ވާދަކުރާނެ ކަމަށް ނިއު ސެވަން ވޮންޑާޒް އިން ބުނެފި އެވެ.

ނިއު ސެވަން ވޮންޑާޒްގެ ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، މުބާރާތުން ރާއްޖެ ވަކިކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އޮފިޝަލް ސަޕޯޓިން ކޮމިޓީގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެ ރާއްޖެއިން ހުށަހެޅުންތަކެއް ލިބިފައިވާތީ، މުބާރާތުން ރާއްޖެ ވަކިނުކުރާނެ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިހާރުވެސް ރާއްޖެ އޮތީ މުބާރާތުގެ ގަދަ 28ގެ ތެރޭގައި ކަމަށާއި ރާއްޖެއަށް ވޯޓް ދިނުމުގެ ފުރުސަތު އޮތީ އާންމުކޮށް ހުޅުވާލެވިފައި ކަމަށް ވެސް ނިއު ސެވެން ވަންޑާޒް އިން ބުނެ އެވެ.

"އެ ތަނުގެ (ޓޫރިޒަމް މިނިސްޓްރީގެ) ދައުރު އަދާނުކުރެވިގެން ވަކި ވާން ނިންމި ނަމަވެސް ރާއްޖޭގެ ފަރާތުން ސަޕޯޓިން ކޮމެޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެ ގައުމުގެ އެކި ފަރާތްތަކުން އަންނަނީ ހުށަހަޅަމުންނެވެ. އަދި ދަންނަވަމެވެ، ރާއްޖެއަށް ލޯބިކުރާ އެންމެހާ ފަރާތްތަކުންވެސް ރާއްޖެއަށް ވޯޓް ދެމުން ގެންދަވާށެވެ،" ނިއުސެވަން ވޮންޑާޒް ޓީމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މުބާރާތުގައި ރާއްޖޭގެ ނަން ބޭއްވުމަށް އިސްނަގައިފައިވަނީ ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ތަމްސީލް ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނެވެ.

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު މިއަދު ވިދާޅުވި ގޮތުގައި، އެގޮތަށް ނިންމީ މުބާރާތުގެ އެންމެ ފަހު މަރުހަލާއަށް ރާއްޖެ ދަތުރުކުރުމަށް ފަހު ވަކި ވުމަށް ވުރެ، މުބާރާތައިގެން ކުރިއަށް ދިޔުން ރަނގަޅުވީމަ އެވެ. އެހެންކަމުން އެ މުބާރާތަށް ބޭނުންވާ ފަންޑު ޖަމިއްޔާތަކާ ވާހަކަދައްކައިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި އަޅުގަނޑުމެން ރަނގަޅެއް ނުވާނެ ދުނިޔޭގެ ފެންވަރުގެ ބަޔަކާއި ދެކޮޅަށް ނުކުތުމެއް. އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްގެން 500،000 ޑޮލަރު އެއްނުކުރެވޭންވީ ސަބަބެއް ނެތް،" ނިއު ސެވަން ވޮންޑާޒް އާއި އެކު އެއްބަސްވުމަކަށް ދިޔުމުގައި އިސް ދައުރެއްވެސް އަދާކުރެއްވި މަލީހް ވިދާޅުވި އެވެ.

ނިއުސެވަން ވޮންޑާޒްގައި ރާއްޖެއިން ބައިވެރިވެގެން ވީ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޮޑެތި ހަރަދުތަކެއްވެސް ކޮށްފަ އެވެ. ނަމަވެސް އިއްޔެ ރާއްޖެ ވަދާނުކުރަން ސަރުކާރުން ނިންމީ އެ މުބާރާތުގައި ސުވާލުއުފެދޭ އެތައް ކަމެއް ހިނގަމުންދާ ކަމަށް ބުނެ އެވެ.