ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރެއްވި އާމިނަތު ޒެނީޝާ ޝަހީދު ޒަކީ މިވަނީ ތާރީހުގެ ތެރެއަށްވަދެފަ އެވެ. އެއީ ރާއްޖޭގައި މިހާތަނަށް އައްޔަން ކުރެވުނު އެންމެ ޒުވާން އަންހެން މިނިސްޓަރެވެ.

ޒެނީޝާ މިއަދު މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ އިރު އޭނާގެ އުމުރަކީ 31 އަހަރެވެ. އެވަރު ހަގު އަންހެން މިނިސްޓަރެއް މިހާތަނަށް ރާއްޖޭގެ ކެބިނެޓަކުން ޖާގައެއް ނުލިބެ އެވެ.

އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އާއިލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ މިނިސްޓްރީއާއި ހަވާލުވެ ވަޑައިގެންނެވި ޒެނީޝާ އަކީ ކުޑަކުދިންހެ ހައްގުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާ އުފެއްދެވި "އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން" (އާކް) މެދުވެރިކޮށް މިހާރު ވެސް ދަނީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރައްވަމުންނެވެ.

ކުޑަކުދިންގެ ހައްގުގައި ޒެނީޝާ މަސައްކަތް ފެށީ 2008 ވަނަ އަހަރު އެވެ. ހިލޭ ސާބަހަށް ފެށްޓެވި އެ މަސައްކަތުގެ ތެރެއިން ކުދިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި އެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ.

ޒެނީޝާގެ ތަސައްވުރަކީ ރާއްޖެއަކީ ކޮންމެ ކުއްޖަކު ވެސް ދުޅަހެޔޮ ސިއްހަތެއްގައި އަމާން މާހައުލެއްގައި އުފާވެރިކަމާ އެކު ހެދިބޮޑުވުމަށް ބޭނުންވާ އެހީތެރިކަން ލިބޭ ގައުމަކަށްވުމެވެ. ޒެނީޝާގެ އިރުޝާދާއި ލަފާގެ މަތިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކިއެކި ކެމްޕެއިންތަކެވެ.

ޒެނީޝާއަށް 2012 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

މިހާތަނަށް އައްޔަން ކުރި އެންމެ ޒުވާން މިނިސްޓަރަކީ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ޓޫރިޒަމް މިނިސްޓަކަށް އައްޔަންކުރި އަދި މިސަރުކާރުގެ ނައިބު ރައީސްކަން ވެސް ކުރެއްވި އަހުމަދު އަދީބުއެވެ. އަދީބު މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އުމުރަކީ 30 އަހަރެވެ.