22 Jun 2016, 14:33
ނިއުދިއްލީ (ޖޫން 22): އަންގާރަ ދުވަހާއި ބުދަ ދުވަހު އިންޑިއާ އަށް ހޮނު އެޅުމުގެ ސަބަބުން 98 މީހަކު މަރުވެއްޖެ އެވެ.
ހޮނު އެޅުމުގެ ސަބަބުން ބިހާރުން 56 މީހަކު މަރުވެފައިވާ އިރު އުއްތަރަ ޕްރަދޭޝް އިން 42 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
"ހޮނުއެޅުމުގެ ސަބަބުން ބިހާރުން 56 މީހަކު މަރުވެ، އަށް މީހަކަށް އަނިޔާވެފައިވޭ. އަދި ދެމީހަކަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފައި،" ބިހާރުގެ ޑިޒާސްޓާ މެނޭޖުމެންޓު ސެކްރެޓަރީ ވިޔާސް ޖީ ވިދާޅުވި އެވެ.
އަދި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 5،900 ޑޮލަރުގެ އެހީ ދައުލަތުން ފޯރުކޮށްދޭނެ ކަމަށް ވެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި އިތުރު ވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. (އިންޑިއާޓުޑޭ)