މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ، ވޭލްސްގެ ތަރި ގެރެތު ބޭލްއަށް އޭނާގެ މިހާރުގެ ކްލަބް ސްޕެއިންގެ ރެއާލް މެޑްރިޑުން "ލައިފްޓައިމް ޑީލް"އެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޚަބަރަކީ ބޭލް ހޯދަން މަސައްކަތްކުރާ އެހެން ކްލަބްތަކަށް ހިތްދަތި ޚަބަރަކަށް ވީ ނަމަވެސް، ރެއާލްގެ މި ނިންމުމުގެ ސަބަބުން، މިހާރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ބޭލް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ވެގެން ދާނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޔޫރޯ 2016ގައި ރަޝިއާ ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަަށް ދެވުމުން ވޭސްލް ކުޅުންތެރީން ބޭލް އާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ސްޕޯޓްސްމެއިލް

އިނިގިރޭސިވިލާތުގެ ކުޅިވަރު ނޫހެއް ކަމަށްވާ ސްޕޯޓްސްމެއިލްއިން ބުނެފައިވާގޮތުން، މިހާރު އުމުރުން 26 އަހަރުގެ ވޭލްސް ފޯވާޑް އޭނާގެ 30 ވަނަ އުފަންދުވަސް ރެއާލްގައި ފާހަގަކުރާވަރުގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް ރެއާލުންވަނީ ތައްޔާރުވެފައެވެ. އެގޮތުން 7 އަހަރުގެ އެއްބަސްވުމެއްގައި ބޭލް ލައްވައި ސޮއިކރުމަށް ރެއާލުން ތައްޔާރުވެފައިވާ އިރު، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރީންގެ ލިސްޓުގެ ކުރިއަށް އޭނާ އަރާނެކަމަށް ވެސް އެނޫހުން ވަނީ ބުނެފައެވެ.

ކުރިއަށް ހުރި ސީޒަންތަކުގައި ރެއާލްގެ މޫނުމަތީގެ ގޮތުގައި ބެލެވޭ ގެރެތު ބޭލް، އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު -- ފޮޓޯ: ސްޕޯޓްސްމެއިލް

ރެއާލްގެ ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިފަހަރުގެ ޔޫރޯގައި އެހާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، ބޭލް ވެގެންދާނީ ކުރިއަށް ހުރި ސީޒަންތަކުގައި ރެއާލްގެ މޫނުމަތީގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ޔޫރޯ 2016ގައި އޮސްޓްރިއާ އާ ދެކޮޅަށް ކުޅޫނު މެޗުގައި ޕޯޗްގަލަށް ލިބުނު ޕެނަލްޓީން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލް ދަނޑިއަށް އަމާޒުވުމުން ރޮނާލްޑޯ މާޔޫސްވެފައި -- ފޮޓޯ: އޭޕީ

އިނގިރޭސި ކްލަބް ޓޮޓެންހަމް އިން 2013 ވަނަ އަހަރު ބޭލް ގެންދަން ރެއާލުން 85 މިލިއަން ޕައުންޑުގެ ފީއެއް ހުށަހެޅީވެސް އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް ޔުވެންޓަސްގެ ފްރާންސް ތަރި ޕޯލް ޕޮގްބާއަށް ރެއާލުން ކަޅިއަޅަން ފެށުމާއެކު ބޭލްގެ މުސާރައަށް އޭގެ ނޭދެވޭ އަސަރުކޮށްފާނޭކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ކުރިން ސައުތެމްޓަން އަދި ޓޮޓްންހަމަށް ކުޅުނު ފޯވާޑް މިފަހަރުގެ ޔޫރޯގައި މިހާތަނަށް ވަނީ ވޭލްސްއަށް ތިން ލަނޑު ޖަހައިދީފައެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގެ ދެ ޗެމްޕިއަން ޓްރޮފީ އުފުލައިލި ބޭލް މިހާރު އެވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރު އެއްކޮށް މެޑްރިޑްގައި ހޭދަކުރުމުގެ އެއްބަސްވުމާ ދިމާއަށް ދިއުމުގެ މަގުމަތީގައެވެ.