"އަހަންނަކީ ކުރިން އެއްވެސް ދީނެއް ގަބޫލު ކުރި މީހެއް ނޫނެވެ. ބޮޑުވަމުން އައި އިރު އަހަރެން ގަބޫލު ކުރީ ދީނަކީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށެވެ. ކަލާނގެ އެއް ވާކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ކާއިނާތު އުފެދުނީ ކިހިނެތް ކަމެއް އަހަންނަކަށް ނޭނގެ އެވެ. އަދި އެކަން ހޯދާކަށް ޝައުގުވެރިކަމެއްވެސް ނެތެވެ.

އެފަދަ ވިސްނުމެއްގައި ހުރެ އަހަރެން ކައިވެންޏަށް ތައްޔާރުވީމެވެ. ކައިވެނި ކުރަން ކަނޑައެޅި ތާރީހު ކައިރިވެފައި ވަނިކޮށް އަހަރެންގެ ބައިވެރިޔާ އަހަރެންގެ ގާތުގައި ބުނީ އޭނާ އިސްލާމްދީން ގަބޫލުކުރި ވާހަކަ އެވެ. އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހަކަށް ކިހާ ވަރެއްގެ ޝޮކެއް ޖެހޭނެ ހެއްޔެވެ.

އަހަރެން ހީކުރީ މީހަކު އޭނާ ހައްލާލައިގެން ކުރުވި ކަމެއް ކަމަށެވެ. ކުއްލިއަކަށް ހުރެފައި ރާ ބުއިމާއި، އޫރު މަސް ކެއުން ހުއްޓާލައިފި އެވެ. އަދި ކޮންމެ ދުވަހަކު ނަމާދުކޮށް ދުއާ ކުރަން ފެށި އެވެ. އެކަމަކު ހަގީގަތަކީ އޭނަ އަހަރެންނަށް ސިއްރުން އިސްލާމްދީނުގެ ކަންކަން އުނގެނި ދަސްކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމެވެ.

ކޮންމެއަކަސް ދެމީހުން ކައިވެނި ކުރުމަށްފަހު، އިސްލާމްދީނަކީ ކިހާ ވަރެއްގެ ދީނެއްކަން ބަލައިލުމަށް އަހަރެންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. އެއާއެކު އަހަރެންގެ ފިރިމީހާ މަސައްކަތަށް ދިއުމުން، ކޮންމެ ދުވަހަކު އޭނާ ގެންގުޅޭ ފޮތްތައް ކިޔައި، ކޮމްޕިއުޓަރުގައި ހުރި ވީޑިއޯތައް ބަލައިގެން ދީނުގެ ކަންކަން ދަސްކުރަން ފެށީމެވެ. އެކަމަކު ދުވަހަކުވެސް އިސްލާމްދީނަށް ޝައުގުވެރިކަން އުފެދި، ހިތުގައި ހާއްސަ ލޯތްބެއް އުފެދިދާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ.

އިތުރަށް ކިޔަމުން ދިޔަ ވަރަކަށް ދުނިޔޭގެ ކަންހިނގާ އުސޫލު އަހަންނަށް ވިސްނެން ފެށުނެވެ. ކާއިނާތުގެ ފެށުންވެސް އެނގިގެން ދިޔަ އެވެ.

ކުރިން އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހެއްކަމުން، އަހަންނަށް އިސްލާމްދީނުގެ މަތިވެރިކަން ދެނެގަންނަން ފަސޭހަވި އެވެ.

އަހަރެން އިސްލާމްދީނުގެ ކަންކަން ދަސްކުރީ ފިރިމީހާއަށް ސިއްރުންނެވެ. އެއީ އެއްވެސް މީހަކު ދެކޭ ގޮތެއް ނުބަލައި، އަމިއްލައަށް އެ މާތް ދީނުގެ ކަންކަން އުނގެނެން އަހަރެން ބޭނުންވުމުންނެވެ. ފޮތަކުން ބަލައިގެން ނަމާދު ކުރަން ދަސްކޮށް، އެންމެ ފުރަތަމަ ނަމާދުކޮށް ސަޖިދަ ކުރީވެސް ފިރިމީހާ މަސައްކަތުގައި އުޅެނިކޮށެވެ.

ދީނުގެ ކަންކަން ދަސްކުރުމަށްފަހު، އިތުރު އެހީ ބޭނުންވުމުން ފިރިމީހާގެ އެހީ އަހަރެން ހޯދީމެވެ. އަދި ފިރިމީހާ އާއެކު މިސްކިތަކަށް ގޮސް ގުރުއާން ކިޔަވަން ދަސްކުރީމެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލު ކުރީ ނަމާދުކޮށް ގުރުއާން ކިޔަވަން ދަސްކުރުމަށް ފަހު އެވެ.

އިސްލާމް ދީން ގަބޫލު ކުރުމަށްފަހު އަހަންނަށް އެންމެ އުނދަގޫވީ ބުރުގާ އަޅައިގެން އުޅުމަށެވެ. ފުރަތަމަކޮޅު ބޭރަށް ދާއިރު ބުރުގާ ނާޅާމެވެ. އެކަމަކު މިހާރު ގެއިން ބޭރަށް ނުކުންނަނީ ރަނގަޅަށް އައުރަ ނިވާކޮށްގެންނެވެ.

ދީނެއް ގަބޫލު ނުކޮށް ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، އިސްލާމްދީނުގެ ހިދާޔަތު ލިބުމުން ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ. ދުނިޔޭގެ ކަންކަމާ މެދު ފުންކޮށް ވިސްނައި، ދުނިޔެ އަކީ ވަގުތީ ތަނެއް ކަމާއި، މަރުވުމަށްފަހު ދެން ވާނެ ގޮތަކާ މެދު އަހަރެން ފުރަތަމަ ވިސްނަން ފެށީވެސް އިސްލާމްދީނުގެ ސަބަބުންނެވެ.

އަދި ދިރިއުޅުމަކީ ކިހާވަރެއްގެ ނިއުމަތެއް ކަން ވިސްނި ދުނިޔެއަށް ލޯ ހުޅުވައިދިނީ އިސްލާމް ދީނެވެ." - ކަރެން މީކް