22 Jun 2016, 13:17
އަމާން (ޖޫން 22): އުރުދުން އާއި އިރާގާއި ސީރިއާއާ ގުޅޭ ބޯޑަރު ސަރަހައްދަކީ ބަންދުކޮށްފައިވާ އަސްކަރީ ސަރަހައްދުތައް ކަމަށް އިއްޔެ އުރުދުން އިން ނިންމައިފި އެވެ.
އުރުދުން އިން އެފަދައިން ނިންމާފައި ވަނީ އަންގާރަ ދުވަހު ސީރިއާއާއި އުރުދުންއާ ގުޅޭ ބޯޑަރު ކައިރީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އުރުދުން ސިފައިންގެ ހަ މީހަކު މަރުވުމާ ގުޅިގެންނެވެ. އެހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއް ކަން އަދި ޔަގީންވެފައި ނުވެ އެވެ.
އުރުދުން އާއި ސީރިއާއާ ގުޅޭ ބޯޑަރު ސަރަހައްދަކީ ސީރިއާ އާއި އިރާގުގެ ގިނަ އަދަދެއްގެ ރެފިއުޖީން ކޭމްޕު ހަދައިގެން ދިރިއުޅޭ ސަރަހައްދަކެވެ. އެކޭމްޕުތަކުގައި ހަނގުރާމަވެރިން ފިލައިގެން ތިބި ކަމުގެ އިންޒާރު މީގެ ކުރިންވެސް ލިބިފައިވާ ކަމަށް އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު މޮމާނީ ވިދާޅުވި އެވެ.
އުރުދުންގެ އަސްކަރިއްޔާއިން އާއްމުކުރި ބަޔާނެއްގައިވާ ގޮތުން މީގެ ފަހުން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވުމަށް ހާއްސަ ހުއްދައެއް ބޭނުންވާނެ އެވެ.
"މިސަރަހައްދުގައި ހުއްދަ ނުހޯދައި ހަރަކާތްތެރިވާ އުޅަނދުތަކާއި މީހުން ބަލާނީ ދުޝްމަނުންގެ ގޮތުގައި އަދި އެބަޔަކާ ދެކޮޅަށް ހަރުކަށިކޮށް ފިޔަވަޅު އަޅާނެ،" އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.
އުރުދުން އަކީ ސީރިއާ އާއި އިރާގުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުގައި ބައިވެރިވާ ގައުމެކެވެ. (ބީބީސީ)