18 May 2011, 20:42
ބ. ތުޅާދޫ ބަނދަރު ބޮޑުކުރުމަށް ނިންމާފައިވާ ގޮތާއި މެދު އެ ރަށު ރަށުކައުންސިލުން ފާސްކުރި ގަރާރަކާ ގުޅިގެން އެ މައްސަކަތް ގާތްގަނޑަކަށް ހުއްޓިފައިވާ ވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އިއްޔެއިން ފެށިގެން އެ ރަށުގައި ކުރަމުން ދިޔަ މުޒާހަރާތައް ރޫޅާލައި، އަށް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ބ. ތުޅާދޫ ރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީއަށް ނިސްބަތްވާ ހަމަ އެކަނި މެމްބަރު އުމައިރާ އަބޫބަކުރު މިރޭ ވިދާޅުވީ ބަނދަރު ބޮޑު ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅަށް ރަށުކައުންސިލުން ފާސްކުރި ގަރާރާ މެދު ހިތްހަމަ ނުޖެހިގެން އިއްޔެއިން ފެށިގެން ކުރަމުން ދިޔަ މުޒާހަރާ މިއަދު ހަވީރު 4.00 އެހާކަށް ހާއިރު ފުލުހުން ރޫޅާލީ ބާރުގެ ބޭނުންކުރުމަށް ފަހު ކަމަށެވެ. މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
" އަޅުގަނޑު ދުށިން އެ މަންޒަރު، އެމީހުންނަށް ވަރަށް އަނިޔާ ކުރި ފުލުހުން. އޭގެ ތެރެއިން އަށްމީހުން ހައްޔަރުކޮށްގެން މިހާރު ވަނީ އޭދަފުއްޓަށް ގެންގޮސްފައި،" އުމައިރާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރު ބޮޑުކުރުމަށް ސަރުކާރުން ނިންމީ ރަށުގެ އިރުމައްޗަށް ކަމަށް ވިޔަސް، ހުޅަނގަށް ނޫނީ ބޮޑު ނުކުރުމަށް ރަށު ކައުންސިލުން ފާސްކުރި ގަރާރާ މެދު ހިތްހަމަ ނުޖެހިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށު ކައުންސިލްގެ އިދާރާއަށް އައިސް ޝަކުވާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"އެތައް ދުވަހެއް ވެއްޖެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށުކައުންސިލްގެ އިދާރާއަށް އައިސް ޝަކުވާ ކުރަމުންދާތާ، އެކަމަކު ރަށުކައުންސިލުން ވަނީ އެކަމަށް ބީރުކަންފަތެއް ދީފައި، އެންމެ ފަހުން އެކަމަށް އެއްވެސް މަގެއް ނުފެނުމުން އިއްޔެ ރައްޔިތުން މުޒާހަރާ ކުރަން ފެށީ،" އުމައިރާ ވިދާޅުވި އެވެ.
ތުޅާދޫ ރަށުކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ބަޔަކު ހައްޔަރު ކުރި ކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީ ހޯގާޑް ކުންފުނީގެ ވެހިކަލްތަކަށް އެރަށު ބަޔަކު މިއަދު ހުރަސްއަޅަމުން ދާތީ އެކަން ހުއްޓުވައި، އެ ކުންފުންޏަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށް ފުލުހުންގެ އެހީއަށް އެދިފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެން ފުލުހުން ކުރެން އެދިފައި ވާނީ އެމްޓީ ހޯގާޑް ކުންފުންޏަށް ތުޅާދޫގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް، ދެން ފުލުހުން އެކަމުގައި އަމަލު ކުރި ގޮތެއް ރަނގަޅުވާނީ ފުލުހުންނާ ގުޅައިގެން ސާފު ކުރިއްޔާ،" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
ފުލުހުން ބުނީ ތުޅާދޫގައި މަގު ބަންދުކޮށްގެން އިއްޔެއިން ފެށިގެން ބަޔަކު ހަމަނުޖެހުންތަކެއް ހިންގަމުން ދިއުމާ ގުޅިގެން ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރި ވުމުން ވެސް އެކަން ހުއްޓާ ނުލުމުން އެކަމުގައި އިސްކޮށް އުޅުނު އަށް މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އިއްޔެއިން ފެށިގެން ތުޅާދޫގައި ހަމަނުޖެހުން ތަކެއް ހިންގަމުން ދިޔަ ބަޔަކަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމުން ވެސް އެކަން ހުއްޓާ ނުލުމުން މިއަދު އެތަނުން އަށް މީހުން އަޅުގަނޑުމެން ގެ ބެލުމުގެ ދަށަށް ގެނެސްފައި ވާނެ،" ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް މިރޭ ވިދާޅުވި އެވެ.
ތުޅާދޫ ރަށުކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެރަށުގެ ބަނދަރުގެ ދިގުމިން 700 ފޫޓުން 1200 ފޫޓަށް ބޮޑުކޮށްދިނުމަށް ސަރުކާރުން ނިންމެވުމަށް ފަހު ބަނދަރު އިރުމައްޗަށް ބޮޑުކުރުމަށް ނިންމި ނަމަވެސް ، ބަނދަރު ހުޅަނގަށް ބޮޑުކުރުމަށް ރަށުކައުންސިލުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ރައްޔިތުންގެ ލަފާ ހޯދައިގެން ނޫން ކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވިއެވެ.