22 Jun 2016, 12:37
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސް އަކަށް ޖިހާދު އައްޔަން ކުރެއްވީ ދާދި ދެންމެ އަކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އަށް މަސް ފަހުން ރައީސް ޔާމީން ނައިބު ރައީސްއެއް އައްޔަން ކުރެއްވި އިރު އެންމެ ފަހުން ނައިބު ރައީސް އަކަށް ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެމަގާމުން ވަކިކުރެއްވީ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައިގެ ތުހުމަތާއެކު އެވެ.
ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެމަނިކުފާނު އެމަގާމުން ވަކިކުރެއްވީ ސަރުކާރަށް އެހީތެރިނުވާ ކަމަށް ބުނެ އެވެ.
ނައިބު ރައީސް އަކަށް މިއަދު އައްޔަންކުރެއްވި ޖިހާދުއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ގިނަ އިސް މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ފައިނޭންސް މިނިސްޓަރުކަން އެތައް ފަހަރަކު ކުރެއްވުމުގެ އިތުރަށް އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ހިމެނެ އެވެ.