22 Jun 2016, 12:37
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން އަދީބު ޖަލު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނު ހިސާބުން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށްފަހު އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް އިއްޔެ ހަވީރު ވަންދެން އަދީބު ހުންނެވީ ދޫނިދޫގަ އެވެ.
ހުކުމް އިއްވުމުން ވެސް އަދީބު ދޫނިދޫ އަށް ބަދަލުކޮށްފައިނުވާތީ، އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ސިޓީއެއް ފޮނުއްވުމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ހުކުމް އިއްވުމަށްފަހު ވެސް އަދީބު ދޫނިދޫގައި ބަހައްޓާފައި ހުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ.
ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ހަވީރު 5:45 ގައި ފުލުހުން ކަރެކްޝަނަލް ސާވިސްއާ އަދީބު ހަވާލުކޮށްފައިވާތީ އެވަގުތުން ފެށިގެން އަދީބު ބަހައްޓާފައި ހުންނަނީ މާފުށީ ޖަލުގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަދީބު އިއްޔެ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ.