22 Jun 2016, 12:01
ޗައިނާގެ ކުންމިންގްގައި މިދިޔަ ހަފްތާގައި ބޭއްވި ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ 2016 އަށް ރާއްޖޭގެ ކުންފުނިތަކުން ގެން ދިޔަ ހުރިހާ މަހުގެ ބާވަތްތައް ވިކި ހުސްވި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ އެފެއާއަށް 1.5 މިލިއަން މީހުން ޒިޔާރަތްކުރިި އިރު ރާއްޖޭގެ ސުޓޯލްއަށް ފަސް ލައްކަ މީހުން ޒިޔާރަތް ކުރި ކަމަށެވެ.
ޒިޔާރަތްކުރި މީހުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ މަހުގެ ބާވަތްތަކަށް ކަމަށާއި އެގޮތުން ރާއްޖޭގެ ކުންފުނިތަކުން ތަފާތު ވައްތަރުގެ ގިނަ އަދަދެއްގެ މަހުގެ ބާވަތްތައް ގެންދިޔަ އިރު އެތަކެތި ވިކި ހުސްވެފައިވާ ކަމަށެވެ.
މަހުގެ ބާވަތްތަކުގެ އިތުރުން ރާއްޖެ އިން ގެންދިޔަ އެހެންތަކެއްޗަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އަދި ދިވެހި ޕްރޮޑަކްޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެނގިގެން ދިޔަ ކަމަށް ތައުފީގް ވިދާޅުވި އެވެ.
"މީގެ ތެރެއިން އެނގިގެން ހިނގައްޖެ ރާއްޖޭގެ އުފެއްދުންތަކަށް ކޮންކަހަލަ ބަދަލުތަކެއް ކަން އަންނަން ޖެހޭނީ، މިކަން އެނގިގެންދިޔަ." ތައުފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސްޕޯ ވެގެންގޮސްފައި ވަނީ ރާއްޖޭގެ ޕުރޮޑަކްޓްތަކާއި ރާއްޖެ އިސްތިހާރު ކުރުމަށް ލިބުނު "ރަނުގެ" ފުރުސަތަކަކަށް ކަމަށެވެ.
މިފަހަރު ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން 100 އަށް ވުރެ ގިނަ މަންދޫބުންގެ ޑެލެގޭޝަނެއް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ހިމެނެ އެވެ.