މާލޭ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ މ. ޕްރޮމިސް ގޭތެރެއިން ކަމަށެވެ.

އެ މީހާގެ ހަށިގަނޑުން އަނިޔާއެއް ފެންނަން ނެތް އިރު، އެ މީހާ މަރުވެފައި ވަނީ ކުއްލި މަރަކުން ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ މަރުވެފައި އޮންނަތާ 24 ގަޑި އިރު ވެފައި ވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އެ މީހާ ދިރިއުޅެމުން ދިޔައީ އެކަނި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ މެންދުރު 12:30 ހާއިރު އޭނާގެ ރައްޓެއްސެކެވެ.