މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ފަތިހު އާޖެންޓީނާ އާއި އެމެރިކާ ބައްދަލު ކުރި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އާޖެންޓީނާގެ ކުޅަދާނަ ސްޓްރައިކަރު އެޒެކުއީލް ލަވޭޒީ އަށް އަނިޔާވެ، މުބާރާތުގެ ފައިނަލްގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ލަވޭޒީއަށް އަނިޔާވީ މެޗުގެ ދެވަނަ ހާފުގައި، ބޭރުވާން ދިޔަ ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފުންމާލި ވަގުތު ދަނޑުބޭރުގައި ޖަހާފައި ހުރި އިޝްތިހާރު ބޯޑެއްގައި ޖެހި އަނެއް ފަރާތަށް ވެއްޓުމުގެ ތެރޭގައެވެ.

ބޯޅަ ކޮންޓްރޯލް ކުރުމުގެ ތެރޭގައި ލަވޭޒީ އިޝްތިހާރު ބޯޑުގައި ޖެހި ފަހަތަށް ވެއްޓެނީ ---

ވެއްޓުމަށް ފަހު އަތަށް ތަދުވާތީ އެއް އަތުން އަނެއް އަތުގައި ހިފަހައްޓައިގެން ލަވޭޒީ އުޅުނު މަންޒަރު ވަނީ ފެނިފައެވެ. ބޯޑުގެ އަނެއް ފަރާތަށް ވެއްޓުމާ އެކު ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ލަވޭޒީގެ ގާތަށް ގޮސް ހަރަކާތްތެރިވި އެވެ. އެންމެ ފަހުން މެޑިކަލް އޮފިސަރުން ވަނީ ފަރުވާ ކުރުމަށް އޭނާ ދަނޑުން ބޭރަށް ގެންގޮސްފައެވެ.

ހަބަރުތައް ބުނާގޮތުން، ވެއްޓި ޖެހުނު ގޮތުން ލަވޭޒީގެ އަތް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އަތް އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތައް ބުނެ އެވެ. ލަވޭޒީއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެ އެވެ.

ލަވޭޒީ ދަނޑުން ނެރެގެން ގެންދަނީ. އޭނާގެ އަތް ވަނީ ބިންދައިގެން ގޮސްފައި ---

ރޭގެ ސެމީ ފައިނަލުގައި 4-0 ން އާޖެންޓީނާ ވަނީ އެމެރިކާގެ މައްޗަށް ކުރި ހޯދައިފައެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ދިން ރީތި ޕާހަކުން އެ ޓީމަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީވެސް ލަވޭޒީ އެވެ.

ރޭގެ މެޗުގައި ލަވޭޒީގެ އިތުރުން މެސީގެ ގޯލަކާ، ގޮންޒާލޯ ހިގުއިންގެ ދެ ގޯލު ފެނިގެން ދިޔައެވެ.

އާޖެންޓީނާ އަދި އެމެރިކާ ބައްދަލު ކުރި މެޗުގެ ތެރެއިން ---

ކޮޕާ އެމެރިކާގެ ފައިނަލުގައި އާޖެންޓީނާ އާ ބައްދަލުކުރާނެ ޓީމެއް ކަށަވަރު ވެގެންދާނީ މާދަމާ ޗިލީ އަދި ކޮލަމްބިއާ ބައްދަލު ކުރާ މެޗަށް ފަހު އެވެ. މިއީ 1993 ގެ ކޮޕާ އަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލައިލުމަށް އާޖެންޓީނާއަށް އަނެއްކާވެސް ލިބޭ ފުރުސަތެކެވެ. އަދި 2005 ވަނަ އަހަރު އާޖެންޓީނާ ޓީމަށް މެސީ ފުރަތަމަ ކުޅުނު މެޗަށް ފަހު، އެޓީމުން މިފަދަ މުބާރާތެއްގެ ތަށި އުުފުލައިލާން ކުރާ މަސައްކަތަށް އިތުރުވި ބޮޅެކެވެ.

ކޮޕާ އެމެރިކާ ބާއްވާތާ 100 އަހަރު ފާހަގަކުރާ މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއަށް ލިބުނު ހިތްދަތިކަން ފިލުވާލައި، އަދި އެންމެ ފަހުގެ ކޮޕާ އެމެރިކާގެެ ފައިނަލްމެޗުގެ ހަނދާންތައްވެސް ފޮހެލައި 23 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި އުފުލައިލާން ލިބޭ ރަނުގެ ފުރުސަތަކަށެވެ.