22 Jun 2016, 11:43
ނިއުދިއްލީ (ޖޫން 22): އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ) އިން މިއަދު 20 ސެޓެލައިޓު ހިމެނޭ ރޮކެޓެއް ލޯންޗު ކޮށްފި އެވެ.
އިންޑިއާ އިން އެއްފަހަރާ ލޯންޗުކުރި އެންމެ ގިނަ ސެޓެލައިޓް ހިމެނޭ ރޮކެޓު މިއަދު ލޯންޗުކޮށްފައި ވަނީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށާ ކައިރީގައި އޮންނަ ސްރިހަރިކޮޓާ ސްޕޭސް ސްޓޭޝަނުންނެވެ.
އައިއެސްއާރުއޯ އިން ބުނި ގޮތުގައި ހުރިހާ ސެޓެލައިޓުގެ ބަރުދަނުގައި 1،280 ކިލޯ ހުންނާނެ އެވެ. އަދި މިއަދު ޖައްވަށް ފޮނުވި ސެޓެލައިޓުތަކުގެ ތެރޭގައި އެމެރިކާ، ޖަރުމަނު، ކެނެޑާ އަދި އިންޑޮނޭޝިއާ އަށް ނިސްބަތްވާ ސެޓެލައިޓުތައް ހިމެނެ އެވެ.
ައެއްފަހަރާ އެންމެ ގިނަ ސެޓެލައިޓް ލޯންޗުކޮށްގެން ދުނިޔޭގެ ރިކޯޑު ހަދާފައި ވަނީ އެމެރިކާގެ ސްޕޭސް ސްޓޭޝަން، ނާސާއިންނެވެ. ނާސާއިން ވަނީ މީގެ ތިން އަހަރު ކުރިން އެއް ފަހަރާ 29 ސެޓެލައިޓު ލޯންޗުކޮށްފަ އެވެ. (ބީބީސީ)