22 Jun 2016, 10:29
މިމަހު ތިން ވަނަ ދުވަހު ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުދިން މަރާލާފައިވާ އިރު ތުހުމަތު ކުރެވޭ ގޮތުގައި އެދެ މަރުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީގެ "ބުލެޓެއް"ގެ މައްސަލަ އެވެ.
އެމައްސަލާގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރިއަށްދާއިރު ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި އެމާރާމާރީ ފެށިފައި ވަނީ މާފަންނުގައި އޮންނަ ދެ ގުރޫޕު ކަމަށްވާ "ވައިކަންމަތި" އަދި "އީގަލްސް" ނަމަކަށް ކިޔާ ދެ ގްރޫޕަކަށް ނިސްބަތްވާ ކުޑަކުދިންތަކެއް މެދުގައި ޖެހުނު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ.
"މާކަބޮޑު މަސްތުވާ އެއްޗެއް ނޫން، ބުލެޓެއް، އެއީ އެކުދިންނަށް ބޮޑު އެއްޗެއް، މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ތަހުގީގުން ވެސް އެކަން އެނގޭ." އޮފިޝަލް ސަން އަށް ވިދާޅުވި އެވެ.
އެދުވަހު ހިންގި ދެ މާރާމާރީގައި މަރާލާފައިވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އާއި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ. ދެ ކުދިން ވެސް މަރާލާފައި ވަނީ ވަޅިން ހަމަލާދީ އެވެ.
އެމައްސަލާގައި ބަޔަކު ހައްޔަރުކޮށް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.