18 May 2011, 14:44
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ )އެމްއޭސީއެލް(އަށް ފުރަތަމަ ފަހަރަށް ކޮންސެޝަން ފީ ދެއްކި އިރު މަދުވާ 2.6 މިލިއަން ޑޮލަރު ދެއްކުމަށް ދެކޮޅު ހަދަމުންދާތީ، އެ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން ޖީއެމްއާރަށް އިއްޔެ އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވީ، މިނިސްޓްރީން ބެލިބެލުމުން ޖީއެމްއާރުން އެއާޕޯޓް ހިންގަން ފެށި ދުވަހުން މާޗު މަހުގެ ނިޔަލަށް ކޮންސެޝަން ފީގެ ގޮތުގައި ދެއްކި 7.6 މިލިއަން ޑޮލަރު މަދު ކަމަށް ފެންނާތީ، މަދުވާ އަދަދު ހަމަކޮށްފައި މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެމްއޭސީއެލް އަށް އަށް ދެއްކުމަށް ޖީއެމްއާރަށް އަންގައިފައިވާ ކަމަށެވެ. އަދި އެ އަދަދު މަދުވީ "ހިސާބު އޮޅުމަކުން" ކަމަށް ބެލެވޭ ކަމުގައި ވެސް ޝަފީގު ވިދާޅުވި އެވެ.
ނަމަވެސް، ޖީއެމްއާރުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ކޮންސެޝަން ފީގެ މައްސަލައާ ގުޅޭ ގޮތުން ޖީއެމްއާރުން ފިނޭންސަށް ހުށަހެޅި ސިޓީއަކަށް ދިން ޖަވާބާ ގުޅޭ ގޮތުން މިނިސްޓްރީއާ އެކު މަޝްވަރާކުރިއަށްދާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ޖަވާބެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. އަދި ފިނޭންސުގެ އެންގުމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ދެންނެވުމުން ވެސް އޮފިޝަލު ވިދާޅުވީ، އިތުރު ތަފްސީލެއް ދެއްވެން ނެތް ކަމަށެވެ.
ޖީއެމްއާރުން ބުނަނީ، އެމްއޭސީއެލްއާ އެކު ހަދައިފައިވާ އެގްރިމެންޓުގެ ދަށުން މާޗް މަހުގެ ނިޔަލަށް ދައްކަން ޖެހޭ ކޮންސެޝަން ފީ އެކުންފުނިން ފުރިހަމައަށް ދައްކައިފައިވާ ކަމަށެވެ. އަދި އިތުރު ފައިސާ ދިނުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
ނަމަވެސް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ، ޖީއެމްއާރުން އެއާޕޯޓް ހިންގަން ފެށި ދުވަހުން މާޗު މަހުގެ ނިޔަލަށް ކޮންސެޝަން ފީގެ ގޮތުގައި ދައްކާފައި ވަނީ 7.6 މިލިއަން ޑޮލަރު ކަމަށާއި އެއީ އެމްއޭސީއެލް އިން ލަފާކުރި އަދަދަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ. އެމްއޭސީއެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮންސެޝަން ފީގެ ގޮތުގައި އިތުރަށް 2.6 މިލިއަން ޑޮލަރު ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި މައްސަލަ ޖެހިގެން އުޅެނީ ދެ ކުންފުނިން ހިސާބު ހަދާ ގޮތް ތަފާތުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑު އިޝޫއަކަށް މިވަނީ ދެފަރާތުން ހިސާބު ހަދާ ގޮތް. އެމީހުން ]ޖީއެމްއާރުން[ އެންމެ ފަހުން ބުނެފައި އޮތީ، އެމީހުން ދެކޭ ގޮތުގައި ދައްކަން ޖެހޭ ހުރިހާ އެއްޗެއް ދައްކައި ހިސާބު ހަދާފައޭ އެެ އޮތީ. ދެ ފަރާތުގެ މާނަކުރުމުގެ މައްސަލަ މިއުޅެނީ،" އޭނާ ވިދާޅުވި އެވެ. "ފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން."
އެމްއޭސީއެލް އިން ބުނީ، ކޮންސެޝަން ފީގެ ތެރޭގައި ހިމެނެނީ 2014 ވަނަ އަހަރާ ހަމަޔަށް ތެލުގެ ވިޔަފާރީގެ ފައިދާ އިން 15 ޕަސެންޓާއި ވިޔަފާރީގެ ފައިދާ އިން ނަގާ އެއް ޕަސެންޓް އަދި ވިޔަފާރި ކުރިޔަސް ނުކުރިޔަސް ފިކްސްޑް ކޮންސެޝަން ފީގެ ގޮތުގައި 25 އަހަރު ވަންދެން ކޮންމެ އަހަރަކު ދައްކަން ޖެހޭ 1.5 މިލިއަން ޑޮލަރު ކަމަށެވެ. އެ ފީތައް ދައްކާނެ ގޮތް ޖީއެމްއާރުން ހުށަހަޅައިފައި ވަނީ ބިޑް ޑޮކިއުމެންޓުތަކާއެކު އެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ދިނުމުގައި އެ ހުށަހެޅުންތަކަށް ވެސް ބަލައިފައިވެ އެވެ.
ޖީއެމްއާރުން އެއާޕޯޓް ސާވިސް ޗާޖާއި ރީއެކްސްޕޯޓް ކުރާ ޖެޓް ފިއުލްގެ ރޯޔަލްޓީ ފައިސާ ދެއްކިއިރު ވެސް މަދުވާ ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން ގެންދަނީ ޓެކްސް އޮޑިޓެއް ހަދަމުންނެވެ. ނޮވެމްބަރު 25، 2010 ގައި އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު ޖީއެމްއާރުން ނުދައްކައި އޮތް ސާވިސް ޗާޖާއި ޖެޓް ފިއުލްގެ ރޯޔަލްޓީ އެންމެ ފަހުން އެކުންފުނިން ދައްކައިފައި ވަނީ، މީރާގެ ހިސާބުތައް ނެރުނުއިރު، އެ ފައިސާ ނުދައްކައި އޮތްކަން ފަޅާއެރުމުންނެވެ.