22 Jun 2016, 10:23
އަބީޝެކް ޗޯބޭގެ 'އުޅްތާ ޕަންޖާބް' އަކީ މި ފަހުން، ރިލީޒް ކުރުމުގައި އެންމެ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހުނު އެއް ފިލްމެވެ.
ފިލްމުގައި ހުރި ބައެއް ކަހަލަ ކަންތައްތަކުގެ ސަބަބުން އިންޑިއާގެ ސެންސަރު ބޯޑުން ވަނީ ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގިނަ މަންޒަރުތަކެއް ފިލްމުން އުނި ކުރުމަށްވެސް އަންގައިފަ އެވެ. އަދި އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދިނުމަށް އެދި ކޯޓަށްވެސް ވަނީ މައްސަލަ ވައްދައިފަ އެވެ.
ފިލްމު އެޅުމަށް، ފިލްމު އުފެއްދި ފަރާތުން ވަނީ ވަރުގަދަ 'ހަނގުރާމަ' އެއް ވެސް ކޮށްފަ އެވެ. އެންމެ މަންޒަރެއް އުނިކުރުމަށް ފަހު ފިލްމު އެޅުވޭ ގޮތް، ސެންސަރު ބޯޑު ގޮވައިގެން ކޯޓަށް ދިއުމުން، ކޯޓުން ފިލްމު ރިލީޒް ކުރުމުގެ ހުއްދަ ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމުމުންނެވެ. ފިލްމު އެޅުވުމުގެ ހުއްދަ ލިބުނުތާ ދެ ދުވަސް ތެރޭ ފިލްމުގެ ބޮޑު ބައެއް ވަނީ އިންޓަނެޓުގައި ލީކުވެސް ކޮށްލައިފި އެވެ.
ހުކުރު ދުވަހު ފިލްމު ރިލީޒް ކުރުމާއެކު ފިލްމަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމު އެޅުވި ފުރަތަމަ ހަފްތާ ބަންދުގައިވެސް އެ ފިލްމަށް ވަނީ 33 ކުރޯޑު ރުޕީސް ލިބިފަ އެވެ. އެއީ މި އަހަރު އެޅުވި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަސް ވަނަ ފިލްމެވެ.
ފިލްމަށް ލިބެމުން އަންނަ ކާމިޔާބާ އެކު، މިހާރު އިންޑިއާ އިން ބޭރުގައި އެ ފިލްމު އެޅުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް ފިލްމުގައި ބޭނުންކޮށްފައި ހުރި ބަސްމަގުގެ ސަބަބުން ބައެއް ގައުމުތަކުގައި ފިލްމު އެޅުވުމުގައި އަނެއްކާވެސް މިވަނީ ދަތިތަކެއް ދިމާވެފަ އެވެ.
އެގޮތުން ޕާކިސްތާނުގައި ފިލްމު އެޅުވުމުގައި ބޮޑެތި ދަތިތަކެއް ވަނީ ދިމާވެފަ އެވެ. އެންމެ ފުރަތަމަ އެ ގައުމުގެ ސެންސަރު ބޯޑުން ވަނީ ޕާކިސްތާނުގައި ފިލްމު ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް "ބަދަލުތަކަކާ" އެކު ފިލްމު އެޅުވޭނެ ކަމުގެ އިޝާރާތެއް ޕާކިސްތާނު ސެންސަރު ބޯޑުން މިހާރު ވަނީ ދީފަ އެވެ. ބޯޑުން ބުނީ 100 އަށް ވުރެ ގިނަ ބަދަލާ އެކު ފިލްމު އެޅުވިދާނެ ކަމަށެވެ.
އެ 100 ބަދަލުގެ ތެރޭގައި ބައެއް މަންޒަރުތައް އުނިކުރުމާއި، އަޑު ކަނޑާލުމާއި ބައެއް ބަސްތައް އުނި ކުރުން ހިމެނެ އެވެ.
ޝާހިދު ކަޕޫރު، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އަނޫރާގް ކަޝްޔަޕް އަދި އެކްތާ ކަޕޫރު އެވެ.