ޔޫރޯގެ ދެވަނަ ބުރުގެ އުންމީދެއް ނެތް ތުރުކީން، ޗެކް ރިޕަބްލިކް ކަޓުވާލައިފި އެވެ.

ޔޫރޯގެ "ގްރޫޕް ޑީ"ގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގައި ޗެކް ރިޕަބްލިކްގެ މައްޗަށް ތުރުކީން ކުރި ހޯދީ 2-0 ލަނޑުންނެވެ. ގްރޫޕުގެ އަނެއް މެޗުގައި ފަހަތުން އަރައި، ޗެމްޕިއަން ސްޕެއިން ބަލިކޮށް ކްރޮއޭޝިއާ ވަނީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ދެވަނަ ބުރަށް ސްޕެއިން ދަތުރުކޮށްފައިވަނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ.

މެޗުގެ ދިހަ ވަނަ މިނެޓުގައި ތުރުކީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ތުރުކީގެ ޒުވާން ކުޅުންތެރިޔާ އެމްރޭ މޯރް ދިން ބޯޅައަކުން މެޗުގައި އަދި މުބާރާތުގައި ތުރުކީން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބުރަކް ޔިލްމާޒް އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ތުރުކީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ތޯމަސް ސިވިކް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ތުރުކީ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކައުންޓާ އެޓޭކެއްގައި މޯރް ދިން ބޯޅައަކުން ވޮލްކަން ސެން އުފެއްދި ހަމަލާ، ޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ތުރުކީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ތޯމަސް ނެސިޑް އަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ، ތުރުކީގެ ކީޕަރު ވޮލްކަން ބާބަކާން ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ތުރުކީން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ 65 ވަނަ މިނެޓުގައެވެ. މެހްމެތު ޓޮޕާލް ދިން ބޯޅައަކުން ތުރުކީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮޒާން ޓުފާން އެވެ. ޗެކް ރިޕަބްލިކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޓުފާން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.