ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ފަހު ވަގުތު ޗެމްޕިއަން ސްޕެއިން ބަލިކޮށް، ކްރޮއޭޝިއާ އިން "ގްރޫޕް ޑީ"ގެ އެއް ވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ. ސްޕެއިން މެޗުން ބަލިވި ނަމަވެސް، އެޓީމު ވަނީ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ.

"ގްރޫޕް ޑީ"ގައި ސްޕެއިނުން ލަނޑެއް ޖަހާފައި ވަނިކޮށް، ކްރޮއޭޝިއާ އިން މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ގްރޫޕުގެ އަނެއް މެޗުގައި ތުރުކީން ވަނީ 2-0 ލަނޑުން މޮޅުވެ، މުބާރާތުން ޗެކް ރިޕަބްލިކް ކަޓުވާލައިފަ އެވެ.

މެޗުގައި ލަނޑު ޖަހަން ލިބުނު ފުރަތަމަ ފުރުސަތުން ސްޕެއިނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެސް ފެބްރިގާސް ދިން ބޯޅައަކުން ސްޕެއިން އަށް ލީޑު ހޯދައިދިނީ އަލްވާރޯ މޮރާޓާ އެވެ. އެއީ އޭނާ މުބާރާތުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި މޮރާޓޯއާއެކު ދެން ހިމެނެނީ ވޭލްސްގެ ގެރެތު ބޭލް އެވެ. އޭނާ ވެސް ވަނީ މުބާރާތުގައި ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެ ލަނޑަށްފަހު ސްޕެއިންގެ ޑިފެންސް ލައިނުން ދެ ގޯހެއް ފެނިގެންދިޔަ އެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް އަށް ހެދުނު ގޯހަކުން ނިކޯލާ ކަލިނިޗް އުފެއްދި ހަމަލާ، ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން ކީޕަރު ޑެހެއާ އަށް ހެދުނު ގޯހަކުން އިވާން ރަކިޓިޗް އުފެއްދި ހަމަލާ އަމާޒުވީ ސްޕެއިން ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިވާން ޕެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަލިނިޗް އެވެ. ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކަލިނިޗް އަށް ލިބުނު ބޯޅަ، ގޯލުގެ ތެރެއަށް އޭނާ ފޮނުވާލީ ހަމަޖެހިލާފައި ފައިގެ އަރިމަތިން ޖަހަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑޭވިޑް ސިލްވާ އަށް ސައިމް ވަސަލްކޯ ކުރި ފައުލަކާ ގުޅިގެން ސްޕެއިނަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ސްޕެއިނަށް ލިބުނު ޕެނަލްޓީން ރާމޯސް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑެނިއެލް ސަބޭސިކް ވަނީ މަތަކޮށްފަ އެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ކްރޮއޭޝިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ކެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާ އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިން ޕެރިސިޗް އެވެ.