22 Jun 2016, 10:14
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، މިދިޔަ އަހަރު އދ.ގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި އޭނާގެ އިސްތަށިގަނޑު ރީތިކުރުމަށާއި މޭކަޕަށް ބޭނުންވާ ސާމާނު ހޯދުމަށް 3000 ޑޮލަރު، އަދި ދަތުރުގެ އެކި ކަންކަމަށް ޖުމުލަ 500،000 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.
އިސްރާއީލް ސަރުކާރުން ވަނީ، ބޮޑުވަޒީރު ނަތަންޔާހޫގެ އެދަތުރުފުޅުގައި އިސްތަށިގަނޑު ރީތިކުރުމަށް 1600 ޑޮލަރު، ދަތުރުފުޅުގައި މޭކަޕް ކުރެއްވުމަށް 1750 ޑޮލަރު، އަދި ނިއު ޔޯކުގައި އޭނާ ހުންނެވި ހޮޓަލުގެ ފަރުނީޗަރު ބަދަލުކުރުމަށް 20،000 ޑޮލަރު ދައުލަތުގެ ފައިސާ އިން ހަރަދުކޮށްފައި ކަމަށް، މިއަހަރުގެ ޖެނުއަރީ މަހު ނެރެން ހަމަޖެހިފައި އޮތް އެހެން ނަމަވެސް ނުނެރެ ފަސްކުރެވިފައިވާ ރިޕޯޓްގައި ވާކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ މިޑްލްއީސްޓްއައި ބުނެފައިވެ އެވެ.
ނަތަންޔާހޫގެ އެ ދަތުރުފުޅުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ، އޭނާއާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން އަރިހުގައި ބައިވެރިވި ވަފުދަށް ޚާއްސަކުރި ފްލައިޓަށެވެ. އެގޮތުން ފްލައިޓް ޚަރަދަށް 386,992 ޑޮލަރު ޚަރަދުކޮށްފައިވެ އެވެ.
މި ޚަރަދުތަކުގެ ތަފްސީލް ހިމަނާފައި ވަނީ، އިސްރާއީލްގެ ޚާރިޖީ ވުޒާރާއާއި، ނިއު ޔޯކުގައި ހުންނަ އިސްރާއީލުގެ ކޮސިއުލޭޓާއި އދ.ގައި ހުންނަ އިސްރާއީލްގެ މިޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގަ އެވެ. އެ ރިޕޯޓް ޖެނުއަރީ މަހު އާންމުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ބޮޑު ވަޒީރުގެ އޮފީހުންނާއި ޚާރިޖީ ވުޒާރާއިން ބޭނުންވެގެން ރިޕޯޓު ނެރުން ވަނީ މަސްތަކަކަށް ފަސްކޮށްފަ އެވެ.
އަންގާރަ ދުވަހު އެ ރިޕޯޓްގައިވާ މައުލޫމާތު އާންމުކުރީ، އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ރަމަތު ގާންގެ ގާނޫނީ ވަކީލެއް ކަމަށްވާ ބިން މިއާ ކުރެއްވި މަސައްކަތުން ކަމަށް އިސްރާއީލްގެ ނޫހަކާ ހަވާލާދީ މިޑްލްއީސްޓްއައި ގައި ވެއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ފީތަކުގެ ތެރޭން "ސާފުކުރުމުގެ ފީ"ގެ ގޮތުގައި ހިމަނާފައިވާ 6900 ޑޮލަރާ ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވާކަމަށް ވެއެވެ. އެހެނީ އެ ރިޕޯޓުގައި އެއީ ކިހިނެއް ކޮންފަރާތަކަށް ކުރި ޚަރަދެއްކަން ބަޔާންކޮށްފައި ނެތުމުންނެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ އަގުބޮޑު ދިރިއުޅުއްވުމުގެ ޚަރަދުތައް މިގޮތަށް އާންމުވަނީ މަދުފަހަރެއްގަ އެވެ.
މިދިޔަ އަހަރު އިސްރާއީލްގައި ބޭއްވި އާންމު އިންތިޚާބާ ދިމާކޮށް އެގައުމުގެ ސަރުކާރުގެ ފައިނޭންޝަލް ކޮންޓްރޯލާއެއްގެ މަގާމުގައި ހުންނެވި ޔޫސުފް ޝަޕީރާ އާންމުކުރި ރިޕޯޓެއްގައި ވާގޮތުން ނަތަންޔާހޫ އަހަރެއްގެ ތެރޭގައި ކޭންބެއްލެވުމަށް ޓޭކްއަވޭ ހެއްދެވި ތަކެތީގެ އަގަށް ވެސް 41,000 ޑޮލަރު ޚަރަދުކުރެއްވި އެވެ. އެއީ ދުވަހަކަށް 111 ޑޮލަރެވެ. އިސްރާއީލްގެ ބޮޑުވަޒީރުގެ ގެކޮޅުގައި ކައްކާ މީހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ވެސް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރާކަަމަށް ވެއެވެ.
ނަތަންޔާހޫ 2013 ވަނަ އަހަރު މާގްރެޓް ޓެޗާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ދަތުރުކުރެއްވި ފްލައިޓްގައި ރެސްޓިން ޗެމްބާއެއް ތައްޔާރުކުރުމަށް ވެސް 127,000 ޑޮލަރު ޚަރަދުކުރެއްވި ކަމަށްވެ އެވެ.
އަދި ޓެކްސް ޕޭޔަރުން އަތުން ދައުލަތަށް ލިބޭ ފައިސާއިން 2012 ވަނަ އަހަރު ނަތަންޔާހޫ، ޕިސްޓާޝިއޯ އާއި ވެނީލާ އައިސްކްރީމް ގަތުމަށް ވެސް 2700 ޑޮލަރު ޚަރަދުކުރައްވާފައިވާ އިރު، އެއީ މަހަކު 14 ކިލޯ އައިސްކްރީމާއި ޕިޝްޓާޝިއޯ ގަތުމަށް ދާނެ ޚަރަދެވެ.