22 Jun 2016, 10:30
ވޮޝިންޓަން (ޖޫން 21) : އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވާ ސުޓްރެޓެޖީ ނާކާމިޔާބު ކަމަށް ވިދާޅުވެ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޖޯން ބްރިނަން އޮބާމާގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސިޔާސީ އަދި ގައުމީ ފިކުރުގެ މަޖައްލާއެއް ކަމަށްވާ "ދަ ނެޝަނަލް އިންޓަރެސްޓް" މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި ބްރިނަން ވިދާޅުވީ އައިއެސްގެ މައްޗަށް އިރާގާއި ސޫރިޔާގައި ކާމިޔާބީތަކެއް ލިބެމުންދިޔަ ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެޖަމާއަތް ބަލިވުމުގެ ބަދަލުގައި އެޖަމާއަތްދަނީ އިތުރަށް ބާރުގަދަވެ ފެތުރެމުން ކަމުގަ އެވެ. އިރާގަށް ބަލާއިރު އެމެރިކާގެ އެހީތެރިކަމާ އެކު އިރާގު ސިފައިންވަނީ އައިއެސްގެ އަތްދަށުގައިވާ ގިނަ އަދަދެއްގެ ބިންތަކުން އެޖަމާއަތް ބޭރުކޮށް އެބިންތައް މިނިވަންކޮށް އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ.
ސޫރިޔާއަށް ބަލާއިރުވެސް ރަޝިޔާގެ ގަދަފަދަ ވައިގެ ހަމަލާތަކާއެކު ސޫރިޔާ ސިފައިންވަނީ އެގައުމުގެ އެތަށް ސަރަހައްދަކުން އައިއެސް ގެ ހަނގުރާމަވެރިން ފަހަތަށް ޖައްސައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އައިއެސްގެ އަތްދަށުގައިވާ އިރާގާއި ސޫރިޔާގެ ތެލުގެ މަރުކަޒުތައް އެމެރިކާއާއި ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ހަލާކުކޮށްލުމާ ގުޅިގެން އައިއެސް ޖަމާއަތް މާލީގޮތުން ބަލިކަށިވެފައިވާކަމީވެސް ހަގީގަތެކެވެ. ތެލުގެ މަރުކަޒުތައް ހަލާކުކޮށްލުމާ ގުޅިގެން އައިއެސްއަށް ލިބޭ އާމްދަނީގެ ތެރެއިން 40 އިންސައްތަ ގެއްލިގެން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ
ނަމަވެސް މި ނާކާމިޔާބީ ތަކުގެ ބަދަލުގައި އައިއެސްގެންދަނީ ލީބިޔާގައާއި ސަބްސަހަރަން އެފްރިކާގެ ގައުމުތަކުގައާ އަދި އޭޝިޔާގެ ގައުތަކުގައި ވަރަށް ބޮޑަށް ފުޅާކޮށް އެޖަމާއަތުގެ ބާރުގަދަ ކުރަމުންކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އަދި އައިއެސްގެ ހައްދު ފަހަނަޅާފައިވާ ގެއްލެނިވި ފިކުރަށް ހެއްލޭ މުސްލިމް ޒުވާނުންގެ އަދަދުވެސް މަދުވުމުގެ ބަދަލުގައި ދަނީ ގިނަވަމުން ކަމަށާއި އައިއެސްގެ ފަނާކުރަނިވި ލަޝްކަރުތަކާގުޅޭ ޒުވާން ހަނގުރާމަވެރިންގެ އަދަދުވެސް އިތުރުވަމުންދާކަމަށް ސީއައިއޭ ގެ ވެރިޔާ ޖޯން ބްރިނަން ވިދާޅުވިއެވެ.
އަނެއްކޮޅުން ޔޫރަޕާއި އެމެރިކާއަށް ޓެރަރިސްޓް ހަމަލާތައް ދިނުމުގެ ގާބިލްކަންވެސް އައިއެސްއަށް ދަނީ އިތުރުވަމުންކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޕެރިހަށް ދިން ހަމަލާތަކާއި މިއަހަރުގެ މާޗް މަހު ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްއަށް ދިން ޓެރިރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފާވަނީ އައިއެސް ޖަމާއަތުންނެވެ. މީގެއިތުރުން ދާދިފަހުން އެމެރިކާގެ އޮލާންޑޯގެ ނައިޓް ކްލަބަށްދިން ބަޑީގެ ހަމަލާތަކުގެ ޒިންމާ އުފުލާފައިވެސްވަނީ އައިއެސް ޖަމާއަތުންނެވެ. (އަލްޖަޒީރާ)