22 Jun 2016, 00:07
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގެ ފަހު މެޗު ތަކަށް ފަހު އެއްވަނަ ޓީމްގެ ގޮތުގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ދެވަނަ ބުރުގެ ޖާގައެއް ހޯދި އިރު ދެ ވަނަ ޓީމްގެ ގޮތުގައި ޕޮލެންޑް ވެސް ދަވަނަ ބުރަށް ހިނގައްޖެއެވެ.
އެ ގުރޫޕްގައި އެއްވަނަ ޖަރުމަނަށް ލިބެނީ މިރޭ ކުޅުނު ފަހު މެޗުގައި ނޮދަން އަޔަލޭންޑްގެ މައްޗަށް 1-0ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ޖުމްލަ ހަތް ޕޮއިންޓާ އެކު އެވެ. ދެވަނައަށް ދިޔަ ޕޮލޭންޑަށް ވެސް ހަތް ޕޮއިންޓް ލިބޭ އިރު އެޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން ނެވެ. ޕޮލެންޑް މިރޭ ކުޅުނު މެޗު ވެސް ވަނީ 1-0ގެ ނަތީޖާ އަކުން ޔޫކުރެއިންގެ މައްޗަށް ކުރި ހޯދާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން އާއި އަޔަލޭންޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މިރޭގެ މެޗުން ބަލިވި ނަމަވެސް ޔުރޯ ފުޓްބޯޅަ މުބާރާތަށް އަލަށް ކޮލިފައިވި ނޮދަން އަޔަލެންޑަށް އަދި ވެސް ދެވަނަ ބުރަށް ދިއުމުގެ ދޮރު ބަންދެއް ނުވެއެވެ. އެއީ ހަ ގުރޫޕްގް ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރުން ޖާގެ ލިބޭނިތީއެވެ. އަޔަލޭންޑް ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް އިރު އެ ގުރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ޔޫކްރައިން ވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަން އާއި އަޔަލޭންޑް ބައްދަލު ކުރި މެޗުގައި ޖަރުމަންގެ ގޯލު ގޮޓްޒޭ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
ގުރޫޕް ސީގައި މިރޭ ޖަރުމަނު ކުޅުނު މެޗުގައި އެ ޓީމްގެ ހަމަ އެކަނި ގޯލު 29 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މާރިއޯ ގޮޓްޒޭ އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ތޯމަސް މުލާ އަޔަލެންޑް ޕެނަލްޓީ އޭރިއާ ތެރެއިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ކީޕަރު ޑައިވް އެޅުމުން ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ މެޗުގައި މުލާއަށް ވަނީ ޖަރުމަނަށް ލީޑް އިތުރަށް ފުޅާ ކުރުމަށް ރަނގަޅު ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެންމެ ރަނގަޅު ދެ ފުރަސަތު ވެސް ލިބުނީ މުލާ އަށެވެ. ނަމަވެސް މުލާ ފޮނުވާލި ދެ ބޯޅައިގެ ހުރަހަކަށް ވެސް ވީ ގޯލުގެ ދަނޑިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް އާއި ޔުކްރެއިން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން މުޅިން އަލަށް ޖާގަ ހޯދި ޕޮލެންޑް، މިރޭގެ މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ގޯލު ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްލަޒްސިޒޯސްކީ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަ ގުރޫޕްގެ ތެރެއިން ތިން ގުރޫޕެއްގެ ކުޅުން މިހާތަނަށް ނިމިފައިވާ އިރު ދެވަނަ ބުރުން ޖާގަ ލިބިފައިވަނީ ގުރޫޕް އޭއިން ފްރާންސް އަދި ސްވިޒަލޭންޑަށެވެ. ގުރޫޕް ބީ އިން ވޭލްސް އާއި އިނގިރޭސިން ޖާގަ ހޯދިއިރު މިރޭ ނިމުނު ގުރޫޕް ސީ އިން ދެވަނަ ބުރަށް ދިޔައީ ޖަރުމަނާއި ޕޮލެންޑެވެ.