21 Jun 2016, 23:35
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށް، ފުލުހުން އެއްބެސްވެއްޖެއެވެ.
ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ނާޒިމް ދިރިއުޅުއްވި އެޕާާޓްމަންޓުން ފެނުނު ފިސްތޯލަ އިން ނެގި ޑީއެންއޭ ޕްރޮފައިލްތަކުގެ ތެރެއިން އެއް ޑީއެންއޭ ޕްރޮފައިލް އަދީބުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.
އެ ނަތީޖާ މާދަމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ޑައިރެކްޓްރޭޓުން ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ގ. އެނިފްގޭގެ އެޕާޓްމަންޓުން ފެނިފައިވާ އަންނައުން ޑީއެންއޭ ޕްރޮފައިލްތަކެއް ތަހުލީލު ކުރެވުނު. މި ޓެސްޓު ކުރެވުނު ކުރެވުމުގައި އޭގެއިން އެއް ޕްރޮފައިލް މިހާރު މިވަނީ ކ. މާލެ، ހ. ސާމަރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ޕްރޮފައިލާ ދިމާވެފައިއަބްދުﷲ ނަވާޒު
ނަވާޒު ވިދާޅުވީ އޭގެއިތުރަށް ވެސް ތަހުލީލު ކުރަންޖެހޭ ޕްރޮފައިލް އެ ފިސްތޯލަ އިން ވަނީ ފެނިފައި ކަމަށާއި އެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
"އެއާ ބެހޭ މައުލޫމާތު ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ޕީޖީ އޮފީހަށް ފޮނުވާނަން،" ނަވާޒު ވިދާޅުވި އެވެ.
ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެކަމުގެ އަޑީގައި ތިއްބެވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ސުއޫދު ވިދާޅުވީ އެ ދެ ބޭފުޅުން ބުނެގެން އެ ފިސްތޯލަ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތެރެއަށް ލާފައި ވަނީ އާސިފް ނަމަށްކިޔާ ފުލުހެއް ކަމަށެވެ.
ނާޒިމްގެ ވަކީލު އެ ތުހުމަތު ކުރައްވާފަދަ ކަމެއް ތަހުގީގުން ފެނިފައިވޭތޯ ދެންނެވުމުން ނަވާޒު ވިދާޅުވީ އެފަދަ މައުލޫމާތެއް ވަކީލުން ފުލުހުންނާ ހިއްސާކުރައްވާފައިނުވާ ކަމަށެވެ. އަދި ނާޒިމް ވަނީ ފްރޭމްކޮށްފައިތޯ ނުވަތަ ނޫންތޯ ނިންމާނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލުން އެ ވިދާޅުވާ ވާހަކައިން ހޯދެން ހުރި ކަމެއް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާވަރަކަށް މީޑިއާ އަށް ހިއްސާ ކުރާނެ ކަމަށެވެ.