21 Jun 2016, 23:55
ޔޫރޯގެ "ގްރޫޕް ޑީ"ގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ތެރެއިން ރެފްރީ ބިޔޯން ކިޔުޕާސް އަށް ކްރޮއޭޝިއާގެ ސަޕޯޓަރުން ހަމަލާދޭން އުޅޭ ކަމުގެ އިންޒާރެއް ފްރާންސްގެ ފުލުހުންނަށް ދީފި އެވެ.
މިދިޔަ ހަފްތާގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެކޮޅުވުމުގެ ގޮތުން ދަނޑު ތެރެއަށް ފްލެއާސްތަކެއް އުކައިފަ އެވެ. އެކަމުގެ ސަބަބުން ދަނޑުގެ ވިނަގަނޑުގައި ރޯވެސްވެފައިވެ އެވެ.
ޗެކް ރިޕަބްލިކް މެޗުގައި ސަޕޯޓަރުން ހިންގި ކަންތައްތަކުގެ ސަބަބުން 100،000 ޔޫރޯ އިން ކްރޮއޭޝިއާ ޖޫރިމަނާ ކޮށްފައިވާ އިރު، މިރޭގެ މެޗުގައި ކްރޮއޭޝިއާގެ ސަޕޯޓަރުން މެޗުގެ ރެފްރީ، ނެދަލެންޑްސްގެ ކިއުޕާސް އަށް ހަމަލާ ދޭން ވެސް ރާވާފައިވެ އެވެ.
"ސެއިންޓް އެޓީންގައި މައްސަލަތައް ކުރިމަތި ކުރުވި މީހުން ކުރިއަށް އޮތް މެޗުގައި ވެސް އެކަން އެގޮތަށް ކުރާނެ ކަމުގެ މައުލޫމާތު އަހަރެމެންނަށް ވަނީ ލިބިފައި. އަދި އެމީހުން މެޗުގެ 30 ވަނަ މިނެޓުގައި ރެފްރީއަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި،" ކްރޮއޭޝިއަން ޕޮލިސް ޔޫނިއަންގެ ރައީސް ނިކޯލާ ކަޖްކިޗް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޗެކް ރިޕްބަލިކް މެޗުގެ ކުރިން ލިބުނު މައުލޫމާތާ އެއްގޮތަށް ކަންތައްތައް އެގޮތަށް ސަޕޯޓަރުން ކުރިއަށް ގެންދިޔަ ކަމަށާއި ސްޕެއިން މެޗުގައި ސަޕޯޓަރުން ކުރިއަށް ގެންދަން އުޅޭ ކަންތައްތަކުގެ މައުލޫމާތު ފްރާންސްގެ ފުލުހުންނާ މިހާރު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
"ގްރޫޕް ޑީ"ގައި ސްޕެއިނާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 12:00 ގައެވެ.