އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު ވެލެންސިއާ ލީގުގެ ތިން ވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. މުހައްމަދު އާރިފް (ބަކާ) އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑާ ގުޅިގެން ވެލެންސިއާ އިން މެޗުގެ ފަހު ފަސް މިނެޓް ފުރިހަމަކުރީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

އެ ނަތީޖާއާއެކު ވެލެންސިއާ އިން ލީގުގެ ތިން ވަނަ އަށް ޖެހިލާފައިވަނީ ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު އެވެ. ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނަ އަށް ޓީސީ ވެއްޓުނު އިރު، ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ލީގުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އަންހެލް ކަރެސްކޯސާ މުނޯޒް ނަގައިދިން ހުރަހަކުން ވެލެންސިއާ އަށް ލީޑު ހޯދައިދިނީ ހާންސްލޭ އަވީލޯ އެވެ. ބޯޅަ ލިބުނު އިރު، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި އޭނާ ހުރީ ވަރަށް ހުސްކޮށެވެ. އަވީލޯ އެ ލަނޑު ކާމިޔާބު ކުރުމުގެ ފަސް މިނެޓު ކުރިން ވެސް އޭނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި އެ ހަމަލާ، ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން ކާމިޔާބުކުރި އެ ލަނޑަށްފަހު، ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަހްމަދު އަބްދުﷲ (ލިލީ) އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އިރު، އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަހަކުން އަލީ ނާފިއު އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޮންޑާ އުފެއްދި އެ ހަމަލާ އަމާޒުވީ ވެލެންސިއާގެ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ވެލެންސިއާ އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންހެލް ކަރެސްކޯސާ މުނޯޒް އެވެ. ވެލެންސިއާ އަށް އެ ޕެނަލްޓީ ލިބުނީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަސަން އަދުހަމް އަށް އަހްމަދު ފައްރާހު ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލީ ހާފިޒް އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް، ޓީސީގެ ނާފިއު އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލިލީ ދިން ބޯޅައަކުން ޓީސީގެ ގޯލު ކުރިމަތިން ނާފިއު އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއް ޖަހައި، ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އަހްމަދު ރިލްވާން ދިން ބޯޅައަކުން ވެލެންސިއާ އަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސައިން ނިހާނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޓީސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް އުންމީދު އާކޮށްދިނީ ސެންޓޭ އެވެ. ޓީސީ އަށް އެ ޕެނަލްޓީ ލިބިފައިވަނީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ޝާފިއު އަހްމަދު (ޝާފީ) ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ޓީސީ އަށް އިތުރު ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ބަކާ ކުރި ފައުލާ ގުޅިގެން އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކި އިރު، ޓީސީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ވެލެންސިއާ އިން ދަމަހައްޓަމުން ދިޔަ ލީޑު ޓީސީ އަށް ހަނިކޮށްދިނީ އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދިން ސެންޓޭ އެވެ.

ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.