21 Jun 2016, 20:33
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ރޮމެލޫ ލުކާކޫ އަކީ ބެލްޖިއަމްގެ ތަފާތަށް ވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފި އެވެ.
ބެލްޖިއަމް އަށް ކުޅުނު 11 ވާދަވެރި މެޗުގައި އެވަޓަންގެ ފޯވަޑް ލުކާކޫ އަށް ލަނޑެއް ނުޖެހުނު ނަމަވެސް، އޭނާ ވަނީ ޔޫރޯގައި މިދިޔަ ހޮނިހިރު ދުވަހު ރިޕަބްލިކް އަޔަލެންޑް އަތުން 3-0 ލަނޑުން މޮޅުވި މެޗުގައި ބެލްޖިއަމް އަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެ މުބާރާތުގައި އިޓަލީއާ ދެކޮޅަށް މުބާރާތުގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން 2-0 ލަނޑުން ބަލިވުމުން ލުކާކޫ އަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވެ އެވެ.
"ލުކާކޫ ދައްކައިދިނީ އޭނާ އަކީ ކިހާ މޮޅު ކުޅުންތެރިއެއް ކަން. ޔޫރޯގައި ޓީމުގެ ތަފާތަކަށް ލުކާކޫ ވާނެ ކަން ޔަގީން. ފޯވަޑަކަށް ލަނޑު ޖެހޭނަމަ، އެއީ ލިބިގެންދާނެ އިތުރު ހިތްވަރެއް. އޭނާ އެކުވެރިކަމުގެ މެޗުތަކުގައި ލަނޑުޖަހާ. އެކަމަކު ކުޑަކޮށް ފާޑު ކިޔުންތައް ވެސް އަމާޒުވޭ،" ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި ހަޒާޑް ބުންޏެވެ.
އޭނާ ބުނީ، ފޯވަޑަކަށް ލަނޑު ނުޖެހޭ ނަމަ އެ ކުޅުންތެރިޔަކަށް މީހުން ފާޑު ކިޔާނެ ކަމަށާއި ލުކާކޫ އަކީ ފާޑު ކިޔުންތަކުން އަރައިގަނެވޭނެ ފަދަ ކުޅުންތެރިއެއް ކަމަށެވެ.
ޔޫރޯގެ "ގްރޫޕް އީ"ގައި ބެލްޖިއަމް ކުޅޭ ފަހު މެޗުގައި މާދަމާ ރޭ 12:00ގައި ނުކުންނަން ޖެހޭނީ ސްވިޑަންއާ ދެކޮޅަށެވެ. އެ ގްރޫޕުގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ ވަނައިގައި ބެލްޖިއަމް އޮތް އިރު، އެއް ވަނައިގައި އޮތް އިޓަލީ އަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ގްރޫޕުގެ ތިން ވަނައިގައި އޮތް ސްވިޑަން އާއި ގްރޫޕުގެ ފުލުގައި އޮތް އަޔަލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.