ޑީއާރްޕީގެ ބައެއް މެންބަރުން އެހެން ޕާޓީތަކާ ގުޅޭ ކަމުގެ ޚަބަރުތައް ފެތުރުނަސް އާންމު މެންބަރުން ޑީއާރްޕީގެ ދޫކޮށްފައި ނުދިއުމަށް އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.

ޑީއާރްޕީގެ ޒައީމުގެ މޭޒުން މިއަދު ނެރުއްވެވި ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތަކެތީގެ އަގުތައް ބޮޑުވެ، ދިވެހިން ބިކަހާލުގައި ޖެހި، ރާއްޖެއަށް އެހެން ދީންތަކެއް ތައާރަފް ކުރުމަށް ބަޔަކު ގަދައަޅާ މަސައްކަތް ކުރަމުންދާއިރު، ރައްޔިތުން އިސްކުރަން ޖެހޭނީ ދީނާ ގައުމު ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ޑީއާރްޕީގައި ދެމި ތިބުމަށް ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަަށެވެ.

"... މި ވަގުތަކީ ދިވެހި ގައުމަށް ގިނަގުނަ ނުރައްކާތަކެއް ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ. ވަކި ބަޔަކު ދިވެހީންގެ ތެރެއަަށް އެހެން ދީންތައް ތައާރަފް ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ ވަގުތެކެވެ. ވަކި ބަޔަކު ދިވެހީންގެ އިގްތިސާދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަރުވައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރައްޔިތުން ބިކަހާލުގައި ޖެހެމުންދާ ވަގުތެކެވެ." ޒައީމްގެ ބަޔާނުގައިވެ އެވެ.

ޑީއާރްޕީގެ ބައެއް މެންބަރުން ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީތަކާ ގުޅޭ ކަމުގެ ޚަބަރުތައް ފެތުރެމުންދާތީ އެކަމާ ޒައީމްގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު، ޑީއާރްޕީގެ ކައުންސިލް މެންބަރު ހަސަން ސުޖާއު ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ވެރިކަން ކުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އޭނާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ.

ސުޖާއު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.