ފްރާންސްގައި ކުރިއަށްދާ ޔޫރޯ ނިމުމުން ސްވިޑަންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަން ޒްލަޓަން އިބްރަހިމޮވިޗް އިއުލާން ކޮށްފި އެވެ.

މާދަމާ ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅޭނެ އެންމެ ފަހު މެޗަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޔޫރޯގައި ސްވިޑަން ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމާއި ދެ ވަނައިގައި އޮތް ބެލްޖިއަމްއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

"ޔޫރޯގައި އަހަރެން ކުޅޭ ފަހު މެޗަކީ ސްވިޑަން އަށް ވެސް އަހަރެން ކުޅޭނެ އެންމެ ފަހު މެޗު. އޮލިމްޕިކްސްގައި އަހަރެންނެއް ނުފެންނާނެ. އެހެންވީމަ ޔޫރޯގައި ވީހާވެސް ދުރަކަށް ދެވޭނެ ކަމަށް އުންމީދު ކުރަން. އަހަރެންގެ އުންމީދަކީ މާދަމާގެ މެޗަކީ އަހަރެންގެ އެންމެ ފަހު މެޗަށް ނުވުން. އެގޮތަށް ކަންތައް ނުވިޔަސް، އަހަރެން މާޔޫސްއެއް ނުވާނަން،" ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އުމުރުން 34 އަހަރުގެ ސްވިޑަންގެ ކެޕްޓަން އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ ބުނީ، ސްވިޑަންގެ ކެޕްޓަނުގެ މަގާމު އަދާކުރެވޭތީ އެކަމާ ފަހުރުވެރިވާ ކަމަށާއި ސަޕޯޓަރުން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޮންމެ ތަނަކަށް ދިޔަ ކަމަށް ވިޔަސް، ސްވިޑަންގެ ދިދަ އުފުލަމުންދާނެ ކަމަށް ވެސް އިބްރަހިމޮވިޗް ބުންޏެވެ.