ސުޕްރީމް ކޯޓު (އެސްސީ)ގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސް ފައިސާ ދެ ގުނަ ބޮޑުކުރަން މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ސުޕީރިއާ ކޯޓުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް އަގު ބޮޑު ކުރަން ވެސް ކޮމެޓީން މިއަދު ވަނީ ނިންމާފަ އެވެ. އެ ހެލްތު އިންޝުއަރެންސްގެ އަގު އެންމެ ބޮޑުވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެވެ.

އެބޭފުޅުންގެ އިންޝުއަރެންސްގެ އަގު ބޮޑުކުރަން ކޮމެޓީން މިއަދު ފާސްކުރީ ހެލްތު އިންޝުއަރެންސްގެ ގޮތުގައި އެ ބޭފުޅުންނަށް ދައުލަތުން މިހާރު ދައްކަމުން ގެންދަވާ އަގުގައި އިންޝުއަރެންސް ދެވެން ނެތް ކަމަށް އެލައިޑް އިންޝުއަރެންސުން އެންގުމުންނެވެ.

ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަވަނީ އެލައިޑުންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ ކޮންމެ ބޭފުޅަކަށް އަހަރަކު 12،000 ރުފިޔާގެ މަގުންނެވެ. އެ ބޭފުޅުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުވާ ދަރިންނަށް ވެސް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ ދައުލަތުގެ ހަރަދުގަ އެވެ.

ނަމަވެސްް އެލައިޑް އިންޝުއަރެންސުން ވަނީ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަހަރަކު ދައްކަންޖެހޭ އަދަދު 24،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި ވަޒީރުން ދައްކަންޖެހޭ ފައިސާގެ އަދަދު 19،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

އެހެންކަމުން މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފައި ވަނީ އެލައިޑުން ހެލްތު އިންޝުއަރެންސް ދެވެން އޮތް އަގުގައި އެ ބޭފުޅުންނަށް އެ ހިދުމަތް ދިނުމަށެވެ.

އެ ނިންމުމަށް އަމަލު ކުރަން ފަށާނީ ސަބް ކޮމެޓީގެ ރިޕޯޓު މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައި ފާސްކުރުމުންނެވެ.

ދައުލަތުގެ އިސްވެރިންނަށް ދެމުން ގެންދާ ހެލްތު އިންޝުއަރެންސްގެ ފައިސާ ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތަށް ވެސް މިއަދު ބޭއްވި ސަބް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އިންޝުއަރެންސް ޕެކޭޖަށް އައި ބަދަލުތައް:

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޖިލީހުގެ ކޮންމެ މެމްބަރަކަށް އިސްޝުއަރެންސްގެ ގޮތުގައި އަހަރަކު ދައްކަމުން ދިޔަ 12،000 ރުފިޔާ، 24،000 ވަނީ ބޮޑުކޮށްފައި.
  • ވަޒީރުންގެ ހެލްތު އިންޝުއަރެންސް: 12،000 ރުފިޔާއިން 19،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
  • ހައި ކޯޓުގެ ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެމްބަރުން: 10،000 ރުފިޔާއިން 14،500 އަށް ވަނީ ބޮޑުކޮށްފައި.
  • ސުޕީރިއާ ކޯޓުތުގެ ފަނޑިޔާރުން: 7،500 ރުފިޔާއިން 12،000 އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
  • މެޖިސްޓްރޭޓް ކޯޓުގެތަކުގެ ގާޒީން: 7،000 ރުފިޔާއިން 9،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދައުލަތުން ކޮންމެ އަހަރަކު 50 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނަށް ކޮންމެ އަހަރަކު 10 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށެވެ.