ވައިގެ މަގުން ރާއްޖެ އިން ބޭރުކުރާ ހިކިކަނޑުމަސް އަދި ފިނިކުރި މަހުގެ ޑިސްކައުންޓް ރޭޓް އޮގަސްޓުން ފެށިގެން އުވާލާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރުކުރަމުން ދިޔަ ހިކިކަނޑުމަސް އަދި ފިނިކުރި މަހުގެ ޓާމިނަލް ޗާޖުން ކުރިން ދެމުންދިޔަ "ވެއިޓް ބްރޭކް ޑިސްކައުންޓް" މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެބަދަލާ އެކު ރާއްޖެ އިން ބޭރުކުރާ ކޮންމެ ހިކިކަނޑުމަސް އަދި ފިނިކުރި މަހުގެ ޝިޕްމަންޓެއްގެ ބަރުދަން 5000 ކިލޯއަށް ވުރެ މަތިވުމުން ޑިސްކައުންޓެއްގެ ގޮތުގައި ކިލޯއަކުން 50 ލާރި ދެނެއް ނުދޭނެ އެވެ. ރާއްޖެ އިން ބޭރުކުރާ އެހެނިހެން މުދަލެކޭ ވެސް އެއްފަދައިން ކިލޯއަކުން އެއް ރުފިޔާ އޮގަސްޓުން ފެށިގެންނަގާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ޑިސްކައުންޓް ރޭޓް އުވާލި ސަބަބު އަދި އެމްއޭސީއެލްއަކުން ހާމައެއް ނުކުރެ އެވެ.