21 Jun 2016, 15:16
ތެހެރާން (ޖޫން 21) : އެމެރިކާގެ ބޮއިންގް ކުންފުނިން ފަސިންޖަރު މަތިންދާބޯޓުގެ 100 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައި އީރާނުން ސޮއިކޮށްފި އެވެ.
އީރާނުގެ ގައުމީ އެއަރލައިން ކަމަށްވާ "އީރާން އެއަރ"ގެ ސީއީއޯ އަލީ އާއިދު ޒާދާ ވިދާޅުވީ މިބޯޓުތައް ގަތުމަށް ކުރަންޖެހޭ ލިޔެކިޔުމުގެ އެންމެހާ ކަންކަން ބޮއިންގް ކުންފުންޏާއި "އީރާން އެއާ" ކުންފުނިންކޮށްފައިވާ ކަމަށާއި ދެން އޮތީ މި އެއްބަސްވުމަށް އެމެރިކާ ސަރުކާރުން އާނބަސް ބުނުންކަމުގަ އެވެ. އެމެރިކާ ސަރުކާރުގެ އާނބަސް ލިބުމާއެކު މިއެއްބަސްވުން ތަންފީޒުކުރަމުން ގެންދާނެކަމުގެ ޔަގީންކަން ބޮއިންގް ކުންފުނިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ގަންނަނީ ބޮއިންގެ އެކި ސައިޒްތަކުގެ ބޯޓުތަކެވެ. ނަމަވެސް މީގެތެރޭގައި ގިނައީ ބޮއިން 747 ގެ ބޮޑެތި ބޯޓުތައްކަމަށް ވެ އެވެ. އެމެރިކާ ވަނީ މީގެ ތިރީހަކަށް އަހަރުކުރިން އީރާނަށް ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީ ވިއްކުން މަނާކޮށްފަ އެވެ. އެއީ 1979 ވަނަ އަހަރު އަޔާތުﷲ ޚުމައިނީގެ ޒަޢާމަތުގައި އީރާނަށް ގެނައި އިސްލާމީ އިންގިލާބާ އެކު އެމެރިކާއާއި އީރާނުގެ ގުޅުންތައް ގޯސްވެގެންދިޔުމާއެކުގަ އެވެ. އެއަށްފަހު އީރާނުގެ ފަސިންޖަރު މަތިންދާބޯޓުތަކަށް ބޭނުންވާ ސްޕެއަރޕާޓްސް ހޯދަނީ ބްލެކް މާކެޓުން އަގުބޮޑުކޮށެވެ.

އީރާން އެއަރ ގެ އަންހެން ޕައިލެޓެއް
އީރާނުގެ ގައުމީ އެއަރލައިން ކަމަށްވަ "އީރާން އެއާ"ގައި 250 މަތިންދާބޯޓުގެ ބޮޑު ފްލީޓެއް އޮންނައިރު މިފްލީޓްގެ ބޯޓުތައް ވަނީ ގިނަދުވަސްވުމުގެ ސަބަބުން ވަރަށްބޮޑަށް ބައުވެފަ އެވެ. މީގެ ތެރެއިން ގިނަ ބޯޓުތަކަކީ އީރާނުގެ ކުރީގެ ރަސްގެފާނު ޝާހް މުހައްމަދު ރިޒާގެ ރަސްކަމުގެ ދުވަސްވަރު (1979 ގެކުރިން) އެމެރިކާގެ ބޮއިންގް ކުންފުނިން ގަނެފައިވާ ބޯޓުތަކެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު މި ބޯޓުތައް އައު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ބައެއް ބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވެގެން މަތިންދާބޯޓު ވެއްޓުމުގެ ހަތަރު ހާދިސާއެއް ފާއިތުވި ތިރީހަކަށް އަހަރުތެރޭގައި އީރާނަށް ކުރިމަތިވެފައިވެ އެވެ. މިދިޔަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު (އެމެރިކާވެސް ހިމެނޭގޮތަށް) ސޮއިކުރި އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ އެއްބަސްވުމާ ގުޅިގެން އެމެރިކާވަނީ އީރާނާދެކޮޅަށް ކުރިންއަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އުވާލާފައެވެ. މިގޮތުން އީރާނަށް ސިވިލްއޭވިއޭޝަން ޓެކްނޮލޮޖީ ވިއްކުން މަނާކުރިކުރުން މިހާރުވަނީ އުވާލާފަ އެވެ.

އީރާން އެއަރގެ އެއަރހޯސްޓެސްއިންގެ ތެރޭގައި ހިމެނޭ ބައެއް
"އީރާން އެއާ"ގައި ހިމެނޭ 250 މަތިންދާބޯޓުގެ ތެރެއިން 230 ބޯޓު އައު ބޯޓުތަކަށް ބަދަލުކުރުމަށް އެކުންފުނިން ވަނީ ނިންމައި އެކަމާބެހޭ ޕްލޭންތައް ވެސް ވަނީ އެކުލަވާލާފަ އެވެ. މަތިންދާބޯޓުތައް ރިޕްލޭސް ކުރުމަށް އަށް އަހަރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. "އީރާން އެއާ" ކުންފުނިން ގެންދަނީ ޔޫރަޕްގެ އެއަރބަސް ކުންފުނިންވެސް 120 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. ބޮއިންގް ކުންފުނިން 100 މަތިންދާބޯޓު ގަތުމަށް ގާތްގަނޑަކަށް 17 ބިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް "އީރާން އެއާ"ގެ ސީއީއޯ އަލީ އާއިދު ޒާދާ ވިދާޅުވި އެވެ.
އީރާނުން ވަނީ ޔުކްރޭނާ ގުޅިގެން ފަސިންޖަރު މަތިންދާބޯޓު އުފައްދާ ފެކްޓަރީތަކެއް ވެސް ބިނާކޮށްފަ އެވެ. އެ ފެކްޓަރީ ން އުފައްދާ މަތިންދާބޯޓުތައް "އީރާން އެއާ" ގައި މިހާރު ބޭނުންކުރަމުން ގެންދެއެވެ. ނަމަވެސް އީރާނުގައިވާ އެ ފެކްޓަރީތަކުން އުފައްދަނީ 80 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓާއި 120 ފަސިންޖަރުންގެ ޖާގައިގެ ކުދި މަތިންދާބޯޓުތަކެވެ. (ރޮއިޓާސް)