21 Jun 2016, 14:45
ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހުތައް މަޖިލީހަށް ބަލައިގެންފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ބަލައިގަންނަން ފާސްވީ 35 މެމްބަރުންގެ ވޯޓާ އެކު އެވެ. ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ.
އެއާއެކު އެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ބިލުގެ މުހިންމު ބައިތައް:
- ފަޅާއި، ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރެވޭނީ ރައީސް އޮފީހުގެ ހުއްދައާ އެކު
- އާންމުކޮށް އިއުލާނު ނުކޮށް ވެސް ކުއްޔަށް ދޫކުރެވިދާނެ
- ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ވިއްކުމުގެ އިހްތިޔާރު ސަރުކާރަށް ދިނުން
- ކުއްޔަށް ދޫކުރާ ތަނަކީ ތިމާވެށީގެ ގޮތުން މަޝްރޫއު ހިންގެންޖެހޭނެ ތަނަކަށްވުން
- ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީ އެއްފަހަރާ ދައްކާ ނިންމުން
- ގެސްޓް ހައުސްތަކުން ހަ ޑޮލަރުގެ ގްރީން ޓެކްސް އެއް
އެ ބިލާ ގުޅިގެން މިއަދު މަޖިލީހުގައި ވަނީ ހޫނު ބަހުސެއް ކޮށްފަ އެވެ. ބަހުސްގެ ވަކި ހިސާބަކުން މަޖިލިސް ހޫނުވެ، މެދު ކަނޑާލަން ވެސް ޖެހުނެވެެ.
ބިލަށް ބަހުސް ކުރައްވަމުން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ، އެ ބިލުގެ ސަބަބުން ރަށްތައް ކުއްޔަށް ދިނުމުގެ ކަންކަން ވަކި ގާނޫނަކަށް ފެތި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ، މިހާރު ހުށަހަޅުއްވާފައިވާ ބިލަކީ ގާނޫނުގެ ތެރެއިން ކޮރަޕްޝަން ހުއްދަ ކުރުން ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ ބަހުސްގައި މެމްބަރުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައި ވަނީ އިއުލާނު ކުރުމަކާ ނުލައި ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އަދި ގެސްޓް ހައުސް ތަކުން ގްރީން ޓެކްސް ނެގޭ ގޮތަށް ބިލުގައި ބުނެފައި ވާތީ އެވެ.
އިދިކޮޅު މެމްބަރުން ވަނީ އެ ބިލަށް ތާއީދު ނުކުރާ ކަމަށާއި، ބިޑު ކުރުމަކާ ނުލައި ރަށްތައް ކުއްޔަށް ދޫކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"ހެޔޮ ނުވާނެ ބިޑު ކުރުމަކާ ނުލައި ރަށްތައް ދޫކުރަން. އަޅުގަނޑު ހުށަހަޅަން އެ ބައި އުވާލަން،" މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވި އެވެ.