21 Jun 2016, 14:48
ވޮޝިންޓަން (ޖޫން 21): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު މަގާމުން ވަކިކޮށްފި އެވެ.
ލެވަންޑޮސްކީ މަގާމުން ވަކިކޮށްފައިވާ ކަން އިއުލާންކޮށް ޓްރަމްޕްގެ ތަރުޖަމާނުގެ އޮފީހުން އާއްމު ކުރި ބަޔާނެއްގައި ޓުރަމްޕްގެ ކެމްޕެއިނުން ލެވަންޑޮސްކީގެ ހިދުމަތަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައިވެ އެވެ.
"ކެމްޕެއިނުގައި ކޯރީ ލެވަންޑޮސްކީ ދެން މަސައްކަތް ނުކުރާނެ. ކޯރީ ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުވެރިވަން އަދި މުސްތަގުބަލުގައި ކާމިޔާބީއަށް އެދެން،" ޓުރަމްޕްގެ ތަރުޖަމާނުގެ ބަޔާނުގައިވެ އެވެ.
ލެވަންޑޮސްކީ މަގާމުން ވަކިކޮށްފައިވާ ސަބަބު ރިޕަބްލިކަން ޕާޓީން ވެސް ލެވަންޑޮސްކީ ވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ޓްރަމްޕް ކެމްޕެއިންގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށް ލެވަންޑޮސްކީ ވަނީ ބުނެފަ އެވެ.
ލެވަންޑޮސްކީގެ މައްޗަށް މިދިޔަ މާޗު މަހު ނޫސްވެރިޔަކު ވަނީީ އޭނާ އަށް އަނިޔާ ކުރި ކަމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް، އެދައުވާ ސާބިތުވެފައި ނުވެ އެވެ. (ސީއެންއެން)