21 Jun 2016, 14:40
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގަމުން އަންނަ "ޔޫރޯ ގިފްޓް" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
ބީއެމްއެލް ޔޫރޯ ގިފްޓް ޕްރޮމޯޝަނަކީ ޔޫރޯ 2016 އާ ދިމާކޮށް ބޭންކުން ސޯޝަލް މީޑިއާގައި ހިންގަމުންދާ ޕްރޮމޯޝަނެކެވެ. ބޭންކުގެ ފޭސްބުކް ޕޭޖް އަށް ލައިކް ކުރުމަށް ފަހު ޔޫރޯ 2016 އާ ގުޅޭ ޕޯސްޓް ޝެއާކުރުމުން އެ ޕްރޮމޯޝަނުގައި ބައިވެރިވެވެ އެވެ. އަދި ބޭންކުގެ ޓުވިޓާ އެކައުންޓް ފޮލޯކޮށް އެ ޕޯސްޓް ރިޓްވީޓް ކޮށްގެންވެސް ބައިވެރިވެވެ އެވެ.
ކޮންމެ ހަފްތާ އަކު މިއިން ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ނަސީބުވެރިއަކު ހޮވައި 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ބީއެމްއެލް އިން ދޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3000 ޑޮލަރު ލިބެ އެވެ. ބޮޑު އިނާމުގެ ގުރުއަތުލުން އޮންނާނީ ޔޫރޯ މުބާރާތަށް ފަހުގައި ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.
ބީއެމްއެލް ޔޫރޯ ގިފްޓް ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ހޮވިފައި ވަނީ އައިޝަތު ނަސްމާ އާއި ލަކްސްމަން ލީލާ ޕާންޑޭ އެވެ. އެއިން ކޮންމެ ފަރާތަކަށް ބީއެމްއެލް އިން ވަނީ ޔޫރޯ 2016 އާ ގުޅޭ 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ދީފަ އެވެ.
"ރާއްޖޭގައި ވެސް ޔޫރޯގެ ފޯރި އޮތްއިރު އަޅުގަނޑުމެންގެ ޓީމްތެރޭގައި ވެސް މި ފޯރި އެބައޮތް. އަޅުގަނޑުމެން ބޭނުންވީ މި ޕްރޮމޯޝަންގެ އިނާމަކަށް ވީހާވެސް މުބާރާތާ ގުޅޭ އަދި އިނާމު ލިބޭ ފަރާތަކަށް ވެސް އަގުހުރި އިނާމެއް ދިނުމަށް. މުބާރާތް ތެރޭގައި ޕެރިހުގެ ހިތްގައިމު މަންޒަރުތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އަޅުގަނޑުގެ އުއްމީދަކީ ނަސީބުވެރި ފަރާތުން ޕެރިހުގައި ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރާނެކަމަށް،" ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.