ރާއްޖޭގެ ރަށްތަކުގައި ހިންގަމުން އަންނަ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅާފައި ވަނީ އެ ވިޔަފާރި އިނދަޖައްސާލަން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން، އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހެއްގައި ބޮލަކަށް ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގާ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އެވެ.

ނިހާނު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ އެއްވެސް ހާލެއްގައި އެ ބިލު ފާސްކުރަން ނުފެންނަ ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ): ފޮޓޯ/ މަޖިލިސް

ބިލާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެ ބިލަކީ އެމްޑީޕީ ސަރުކާރުން ގެނައި ގެސްޓް ހައުސްގެ ސިޔާސަތު އެކީގައި އިނދަޖައްސާލުން ކަމަށެވެ.

"ގެސްޓް ހައުސް ހިންގާ ފަރާތްތައް އެކީ އިނދަޖައްސާލެވޭނެ ކަމެއް މި އޮތީ މި ބިލަށް ގެނެސްފައި،" އިންތި ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި): ފޮޓޯ/ މަޖިލިސް

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެ އިސްލާހަށް ދޭނީ ސުމެއް ކަމަށެވެ. އަދި ގްރީން ޓެކްސް ގެ ނަމުގައި ދައުލަތަށް ފައިސާ ނަގާއިރު، އެ ފައިސާގެ ބޭނުން ކުރެވޭތަން ނުފެންނަ ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.

"އެ ޓެކްސް ނެގެން ޖެހޭނީ އެ ރަށެއްގެ ކައުންސިލަށް އެ ފައިސާ ގޮސް، އެރަށެއްގެ ކުނި މެނޭޖް ކުރުން ފަދަ ކަންކަމަށް. އެ ނޫން ގޮތަކަށް އެ ފައިސާ ބޭނުންކުރެވިގެން ނުވާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް 50 ވަރަކަށް ޑޮލަރު ޗާޖު ކުރާ ގެސްޓް ހައުސްތައް ހުރި އިރު، ގްރީން ޓެކްސްގެ ގޮތުގައި އެހާބޮޑު އަދަދެއް ނަގާނަމަ، ގެސްޓް ހައުސް އަށް ލިބޭ ފައިދާ އެއްކޮށް ދާނީ ސަރުކާރަށް ކަމަށެވެ.

އަލީ ހުސައިން -- ސަން ފައިލް ފޮޓޯ

އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަނީ "ކުރިއަށް އޮތް ދެ މަހު ސަރުކާރު މުވައްޒަފުންގެ މުސާރަ ދޭނެ ގޮތެއް ނެތިގެން، ހޯދުނު ގޮތަކަށް އެ ފައިސާ ހޯދަން" ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ވަނީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމަށް ދެކޮޅު ހައްދަވައިފަ އެވެ. ފައިސަލް ވިދާޅުވީ މިހާރު ހުށަހަޅުއްވާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށާއި، އެއަށްވުރެ ހަރުދަނާ އަދި ދައުލަތަށް މާ ފައިދާ ބޮޑު ގޮތްތައްވެސް އެބަހުރި ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު: ފޮޓޯ/ މަޖިލިސް

ނިހާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަތުރުވެރިންގެ އަތުން ޓެކްސް ނަގައި، އެ ފައިސާ ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިޔަކު ހުރި ތަނެއްގެ ވެރިމީހާގެ ޒިންމާއެއް ކަމަށެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާ ތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އޭރު ގެސްޓްހައުސް ތަކުން ޓެކްސް ނަގަން ނިންމާފައި ނުވަނީ އެއީ ވަރަށް އާ ވިޔަފާރިއަކަށް ވުމުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.