23 Jun 2016, 12:09
މީގެ ހަ އަހަރުކުރިން ނެރުނު ގޭމް-ފިލްމު، "ޕްރިންސް އޮފް ޕާޝިއާ: ދަ ސޭންޑްސް އޮފް ޓައިމް" ވައްޓާލައި، އެންމެ ބޮޑު ކާމިޔާބު ވީޑިއޯ ގޭމް ފިލްމުގެ މަގާމު "ވޯކްރާފްޓް" ހޯދައިފި އެވެ.
ބްލިޒާޑް އެންޓަޓައިންމަންޓް އިން ނެރުނު "ވޯކްރާފްޓް" ގޭމްގެ މައްޗަށް އުފައްދައި ރިލީޒްކުރި "ވޯކްރާފްޓް" ފިލްމަށް މުޅި ދުނިޔެއިން މިހާތަނަށް 339 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އެ ފިލްމަށް އެންމެ މަގުބޫލް ގޭމް ފިލްމުގެ މަގާމް ލިބުނީ ހަ އަހަރު ދުވަސް ވަންދެން އެއްވަނަ އޮތް "ޕްރިންސް އޮފް ޕާޝިއާ: ދަ ސޭންޑްސް އޮފް ޓައިމް" ވައްޓާލުމަށް ފަހު އެވެ.
ޔޫބީ ސޮފްޓް އިން 2003 ވަނަ އަހަރު ނެރުނު ވީޑިއޯ ގޭމް "ޕްރިންސް އޮފް ޕާޝިއާ: ދަ ސޭންޑްސް އޮފް ޓައިމް"ގެ މައްޗަށް 2010 ވަނަ އަހަރު ނެރުނު އުފެއްދި ފިލްމަށް ލިބިފައިވަނީ 336 މިލިއަން ޑޮލަރެވެ.
ތިން ވަނަ މަގާމުގައި އޮތީ މިހާތަނަށް 328 މިލިއަން ޑޮލަރު ހޯދި ސޮނީގެ "އެންގްރީ ބާޑްސް" ފިލްމެވެ.
މިމަހުގެ 10 ވަނަ ދުވަހު ރިލީޒްކުރި "ވޯކްރާފްޓް" އަށް އެމެރިކާގައި ބޮޑު ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، 90 ޕަސެންޓް ޓިކެޓް ސޭލްސް ލިބިފައި ވަނީ ބައިނަލްއަގްވާމީ މާކެޓްތަކުންނެވެ. އެ ފިލްމަށް އެންމެ އެންމެ ބޮޑު ފައިދާއެއް ލިބުނީ ޗައިނާ އިންނެވެ.
ގާތްގަނޑަކަށް 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ޗައިނާ އިން އެކަނިވެސް 204 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ.