21 Jun 2016, 14:22
މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑޮކޮމް) އިން މިއަދު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ލައިސެންސް ދޫކޮށްފި އެވެ.
ޕީއެސްއެމްގެ ގާނޫނުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭން އެ ކުންފުންޏަށް ލާޒިމްކޮށްފައިވެ އެވެ. ޕީއެސްއެމް އަށް ލައިސަންސް ދޫކުރީ މިއަދު މެންދުރު ބްރޯޑްކޮމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، ކޭބަލް ޓީވީގެ ހިދުމަތް އެ ކުންފުނިން ދޭން މަސައްކަތްކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.
ނަމަވެސް މިހާރު ވެސް މާލެއަށް އެ ހިދުމަތް ދެވޭނެ ފެންވަރު ހުރި ނަމަވެސް އަންނަ އަހަރު ނިމޭ އިރު މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދެވޭނެ ކަމަށެވެ.
ހަލީލް ވިދާޅުވީ، ޕީއެސްއެމްގެ ކޭބަލް ޓީވީގެ ހިދުމަތް ވެގެންދާނީ ރާއްޖޭގައި ދޭނެ އެންމެ އަގު ހެޔޮ ހިދުމަތަށް ވާނެ ކަމަށެވެ.
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ، ކޭބަލް ޓީވީގެ ހިދުމަތްދޭން އެ ކޮމިޝަނުން ބޭނުން ވަނީ އެއް ނެޓްވޯކަކުން އެއް ފެންވަރެއްގައި ކަމަށެވެ.
އަދި ވިދާޅުވީ، ބައެއް ރަށްރަށުގައި ވަކި ސިޔާސީ ކުލައަކަށް ބަލައިގެން ކޭބަލް ޓީވީގެ ހިދުމަތްދޭ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަށް ވެސް ޕީއެސްއެމްގެ ކޭބަލް ޓީވީގެ ހިދުމަތުން ހައްލު ލިބިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.