ގދ. ފިޔޯރީގައި ވެސް ތުއްތު ކުއްޖަކަށް އޯވަޑޯޒްވާ ވަރަށް ވެކްސިން ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްޓްރޯލް އަށާއި އަޕާ ސައުތް ހެލްތް ކޯޕަރޭޝަނުން ބަލަން ފަށައިފި އެވެ.

ފިޔޯރީ ހެލްތް ސެންޓަރުގެ އެސިސްޓެންޓް މެނޭޖަރު ހަމްދޫން އަބްދުﷲ މިއަދު ވިދާޅުވީ އޯވަޑޯޒްވާ ވަރަށް ވެކްސިން ދީފައިވަނީ ފިޔޯރީ ސިއްހީ މަރުކަޒަށް މިދިޔަ މަހުގެ 28 ގައި ގެންދިޔަ ނުވަ މަހުގެ ފިރިހެން ކުއްޖަކަށް ކަމަށާއި އޭގެ ތަފްސީލް މިހާރު ސީސީއެޗްޑީސީއަށާއި ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ ތުއްތު ކުއްޖާގެ ބައްޕަ އަދުހާދު އަހުމަދު މިއަދު ވިދާޅުވީ ވެކްސިން ދިނުމަށް ދަރިފުޅު ގޮވައިގެން ދިޔައީ އޭނާގެ އަންހެނުން ކަމަށެވެ. އަދި ބުނީ ދަރިފުޅަށް ވެކްސިން ދިނީ ނުބައިކޮށް ކަން އެނގުނީ ކުރިން ސިއްހީ މަރުކަޒުގައި އަދި މިހާރު ރަށު ކައުންސިލްގެ އިދާރާގެ ދަށުން ހެލްތް ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކު އެވާހަކަ ދައްކަން ފެށުމުން ކަމަށެވެ.

"ދަރިފުޅަށް ވެކްސިންދިން ދުވަހު ނޫން އަނެއް ދުވަހު ހިމަބިހި ކަހަލަ އެއްޗެއް ނަގާފަ ހުން އައީ، އޭގެ އަނެއް ދުވަހު ސިއްހީ މަރުކަޒަށް ދެއްކީމަ، ބަލާފަ ބުނީ ކޮންމެ ތިން ދުވަހުން އެއްދުވަހު ދެއްކުމަށް. ސިއްހީ މަރުކަޒުގެ މީހުންނަށްވެސް އެނގޭ ނުބައިކޮށްކަން ދަރިފުޅަށް ވެކްސިން ދިނީ،" އަދުހާދު ކިޔާދިނެވެ.

އަޕާ ސައުތު ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަރުވަޝް މިއަދު ވިދާޅުވީ ނުވަ މަހުގެ ތުއްތު ކުއްޖާއަށް ވެކްސިން ދީފައިވަނީ ދިވެހި ދެ ނަރުހުން ކަމަށާއި އެ ކަންތައްތައް ހިނގައިދިޔަ ގޮތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ބެލުމަށްފަހު އެ ދެނަރުހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ސަރުވަޝް އަދި ވިދާޅުވީ އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންގެންދާނެ ކަމަށާއި އެ ތުއްތު ކުއްޖާ 35 ހަފުތާ ވަންދެއް ވަރަށް ރަނގަޅަށް ފިޔޯރީ ހެލްތް ސެންޓަރުން އޮބްޒާވްކުރަމުން ގެންދާނެ ކަމަށެވެ.

"މިމައްސަލަ ދިމާވީ މީސްލްސް ޕައުޑާ ހުންނަ ފުޅިއަށް ޑައިލުއޭޓްކުރުމަށް އަޅާ ފެން މަދުން އެޅުމަށްފަހު ވެކްސިން ދިނުމުން، އެތުއްތު ކުއްޖާ އަށް ދީފައިވަނީ 10 ކުދިންގެ ވެކްސިން،" ސަރުވަޝް ވިދާޅުވި އެވެ.

ފިއޯރީގައި މިމައްސަލަ ފެންމަތިވެގެން އައިސްފައިމިވަނީ ރ. އިންނަމާދޫގައި މިދިޔަ ހަފްތާގައި ނުވަ މަހުގެ ކުޑަ ކުއްޖަކަށް މީސްލްސް ވެކްސިން އޯވަޑޯޒްވާ ވަރަށް ޖެހި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓް ކޮމިޝަނަށާއި ސީސީއެޗްޑީސީއަށް ހުށަހަޅާފައި ވަނިކޮށެވެ.