ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ އެމްޑީޕީއަށް ލިބިފައިނުވާތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ އަންނަ ހަފްތާގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ދޭންޖެހޭ ފައިސާ ނުދީ އެމްޑީޕީން ހިފަހައްޓާފައި ވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާނަށް ވެސް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މިއަހަރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް މި އަހަރުގެ މިހާތަނަށްވެސް އެ ފައިސާ ދޫކޮށްފައިނުވާކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާގޮތުން ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށް ހަވާލުކުރަންޖެހޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަމަށް މީގެކުރިން ސިވިލް ކޯޓުން ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.