21 Jun 2016, 13:13
ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ފަޅު ރަށްތައް ކުއްޔަށް ދޫކޮށްގެން އެ ރަށްތަކުގެ އިކުއިޒިޝަން ފީގެ ގޮތުގައި ސަރުކާރަށް 40 މިލިއަނަށް ވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ނިހާނު ހުށަހެޅުއްވި އިސްލާހަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ ރަށްތައް ކުއްޔަށް ދޫކުރުމުގައި ސަރުކާރުން ކަނޑައަޅާ އިކުއިޒިޝަން ފީ އެއްފަހަރާ ގަނޑުކޮށް ދައްކަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެއީ ދިވެހި ރައްޔިތުންނަށް ނުހަނު ފައިދާ ކުރާނެ ކަމަކަށް ވާތީ ކަމަށެވެ.
"ފާއިތުވި ހަ މަސް ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް އިކުއިޒިޝަން ފީގެ ގޮތުގައި 40 މިލިއަނަށް ވުރެ ގިނަ ޑޮލަރު، 43 މިލިއަނާ ހަމައަށް ފައިސާ ލިބިއްޖެ ކަމާއި މިކަން މީރާ އިން ކަށަވަރުވާނެ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ އެއީ އެހާ ކުރު މުއްދަތެއްގައި ސަރުކާރަށް އެހާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
ނިހާނު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމުކޮށް އިއުލާނުކޮށްގެން، އަދި އިއުލާން ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށްވުމެވެ.
ނިހާނު ވިދާޅުވީ ކެބިނެޓުން އަމަލު ކުރާ ގޮތުން ޓުއަރިޒަމް މިނިސްޓްރީ އިން މިހާރު ވެސް އިއުލާނު ނުކޮށް ރަށްތައް ދޫކުރާ ކަމަށާއި އިއްޔެ ހުށަހެޅުއްވި އިސްލާހުގެ ދަށުން ކުރަން ބޭނުންވާ ކަމަކީ ގާނޫނެއްގެ ތެރެއަށް އެކަން ފައްތައި އިމެއްގެ ތެރޭގައި ބޭއްވުން ކަމަށެވެ.
"އިއުލާނު ނުކޮށް ރަށްތައް ދޫކުރުމަކީ މިހާރު ވެސް އޮތް ކަމެއް. ގާނޫނީ އިމެއްގެ ތެރެއަށް ފައްތައި އިން ފާރު ރޭނުމުގެ މަސައްކަތް މިހާރު މި ކުރަނީ،" ނިހާނު ވިދާޅުވި އެވެ.
ފަޅާއި ބިން އަދި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އިން އަމަލު ކުރަންޖެހޭ ގޮތްތައް ބަޔާންކޮށް ބިލުގައި ބުނެފައި ވަނީ، ހުށަހަޅާ ހުށަހެޅުންތައްހަމަހަމަކަމާ ހާމަކަން ބޮޑު ގޮތެއްގައި ވަޒަންކޮށް، ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދައި، ކުއްޔަށް ދޫކުރުމަށްފަހު އެ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން ގެސްޓް ހައުސް ވިޔަފާރިތަކުން ގްރީން ޓެކްސް ނެގުމަށް ވެސް ނިހާނު ވަނީ ހުށަހަޅުއްވައިފަ އެވެ.