21 Jun 2016, 13:22
ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ ފަރާތްތަކުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ހުށައެޅުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ހުށަހަޅަން ޖެހޭ ގޮތަށް ލިޔުމާއެކު އެއްވެސް ފަރާތުން އެ މައްސަލަ އަދި މިނިސްޓްރީއަށް ހުށައަޅާފައިނުވާ ކަމަށެވެ. ފައިސާ ދެއްކި ރަސީދާއެކު ހުށައަޅަން ޖެހޭ ގޮތަށް އެ މައްސަލަ ހުށަހެޅުމުން ފުލުހުންނަށް މައްސަލަ ހުށައަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހުށައަޅުއްވާ ހެއްކާއެކު، ފައިސާ ދެއްކި ލިޔުންތަކާއެކު، އޭރުން ފުލުހުންނަށް ހުށައަޅާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް ބައެއް ހައްޖު ކުންފުނިތަކުން އިތުރަށް ނަގާ ފައިސާގެ ރަސީދެއް، ފައިސާ ދައްކާ ފަރާތަކަށް ނުދެ އެވެ.
މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އަށް ކުންފުންޏަކަށް 80 ކޯޓާގެ ރޭޓުން ކޯޓާ ދޫކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީން ހުއްދަދީފައި ވަނީ ދަށްކޮށް 57999 ރުފިޔާ ނެގުމަށެވެ. އަދި އެންމެ މަތިން ހުއްދަދީފައިވާ ފަރާތަށް ހުއްދަދީފައި ވަނީ ވީއައިޕީ ޕެކޭޖެއްގެ ގޮތުގައި 112129 ރުފިޔާ ނެގުމަށެވެ. އާންމު ރޭޓް އުޅެނީ 65000 ރުފިޔާ އަށެވެ. އިތުރަށް ފައިސާ ނެގުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އެ ރޭޓުގެ ބަދަލުގައި އެ ކޯޓާތައް އެތައް ގުނައެއް އަގު ބޮޑުކޮށް ދަނީ ވިއްކަމުންނެވެ.