ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)ގެ ބަހުގެ ހަމަލާތައް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދަށް ރައްދު ކުރެއްވުމުން، ކޮމެޓީ ހުއްޓާލައިފި އެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެމްބަރުން، އެކަކު އަނެކަކަށް ރައްދު ކުރައްވައި ވާހަކަފުޅު ދެއްކެވީ ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ.

ވައްޑެ ތުހުމަތު ކުރެއްވި ގޮތުގައި ކޮމެޓީގެ މުގައްރިރަކަށް ރިޔާޒު ހުންނަވައިގެން ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދަވަނީ މަޖިލީހުގެ އިޖުރާއަތްތަކާ ހިލާފަށެވެ.

މިކޮމެޓީ ނޫނިއްޔާ ނޯންނާނެ މުގައްރިރު އަމިއްލައަށް އެކީއެކައްޗަކަށް މުޅި އެއްކޮަށް ހިފަހައްޓައިގެން އުޅޭ ކޮމެޓީއެއް. ކުނީގެ މައްސަލައެއް މިތަނުގައި ނެތް،ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ބޭއްވި ކޮމެޓީގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ހުސައިން ހަސަން

އޭނާ ވިދާޅުވި ގޮތުގައި ރިޔާޒު ގެންދަވަނީ އަމިއްލަފުޅަށް ކޮމެޓީއަށް މައްސަލަ ހުށަހަޅައި އަމިއްލައަށް ގޮތް ނިންމަވަމުންނެވެ. މުގައްރިރަށް އަމިއްލައަށް ކޮމެޓީއަށް މައްސަލަ ހުށަނޭޅުއްވޭނެ ކަމަށާއި ކޮމެޓީން ފާސްކުރުމެއް ނެތި އެ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ވައްޑެ ވަނީ ރިޔާޒަށް ފާޑުވިދާޅުވެފަ އެވެ.

"މިއީ ބާތިލު ކަމެއްގެ މައްޗަށް ނިންމަމުންދާ ގޮތްތަކެއް. މީތި ހުށަހެޅީ 'ރޯނުބައިކޮށް'، ގާނޫނާއި ގަވާއިދާ ހިލާފަށް. ރައްޔިތުންގެ މަޖިލިސް މިއީ. މަޖިލިސް ތެރޭގައި މުގައްރިރު ހިތުހުރިހާ ގޮތަކަށް މިއެތި ނުހުށަހެޅޭނެ،" ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ވައްޑެ ވިދާޅުވި އެވެ.

ވައްޑޭ އެ ވާހަކަފުޅުތައް ދައްކަންވަން ފެއްޓެވީ މާލޭ ކުނީގެ މައްސަލަ ހައްލު ނުކުރެވި ދިގުލަމުންދާ މައްސަލަ ކޮމެޓީން ބަލަމުންދާނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެ މައްސަލަ މެމްބަރަކު ހުށަނާޅުއްވަނީސް ރިޔާޒު އަމިއްލަފުޅަށް އެ މައްސަލަ އެޖެންޑާ ކުރައްވައި ކުރިއަށް ގެންދަވަނީ އެވެ.

ވައްޑެގެ ވާހަކަފުޅަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ އެ މައްސަލައަކީ ކޮމެޓީއަށް އެޖެންޑާކޮށް، ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް ހުށަހަޅައި ވައްޑެ ތާއިދު ކުރެއްވުމުން ކޮމެޓީން ފާސްކޮށްގެން ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި ކަމާ ބެހޭ އިދާރާތައް ކޮމެޓީން ފާސްކޮށްގެން ހާޒިރުކޮށްފައިވާނެ ކަމަށެވެ.

މިއަދު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި ނިންމާފައި ވަނީ މާލޭ ކުނީގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި އެންވަޔަރަމަންޓުގެ މިނިސްޓްރީގެ ކަމާ ގުޅުން ހުރި ބޭފުޅުން ކޮމެޓީއަށް ހާޒިރުވުމަށް އެންގުމަށެވެ. އެ ގޮތަށް ފާސްކުރީ މިއަދު ބޭއްވި ކޮމެޓީއަށް ހާޒިރުވި ހަ މެމްބަރުންގެ ހަތަރު މެމްބަރެއްގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓުގައި ވައްޑެ ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ރިޔާޒާއި ވައްޑެގެ ބަހުގެ ހަމަލާތައް ރައްދު ކުރައްވަން ފެއްޓެވީ އެ ވޯޓަށް ފަހު އެވެ. އެންމެފަން "މިކޮމެޓީ ނޫނިއްޔާ ނޫންނާނެ މުގައްރިރު އަމިއްލައަށް އެކީއެކައްޗަކަށް މުޅި އެއްކޮށް ހިފަހައްޓައިގެން އުޅޭ ކޮމެޓީއެއް. ކުނީގެ މައްސަލައެއް މިތަނުގައި ނެތް،" ކޮމެޓީ ނިންމާލިކަން ރިޔާޒު އިއުލާން ކުރެއްވުމުން ވައްޑޭ ވިދާޅުވި އެވެ.