21 Jun 2016, 13:17
ތެހެރާން (ޖޫން 21): ބަހުރެއިނުން އެ ގައުމުގެ ޝީޢީ ލީޑަރެއްގެ ރަށްވެހިކަން ނެގުމާ ގުޅިގެން އެ ގައުމުގައި އޮތް ވެރިކަމާ ދެކޮޅަށް ހަތިޔާރު އަޅައިގެން ތިބި ރައްޔިތުން ނިކުމެދާނެ ކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ވެރިޔާ، ޖެނެރަލް ގާސިމް ސުލެއިމާނީ ވިދާޅުވެއްޖެ އެވެ.
އެފަދަ ފިޔަވަޅެއް އަޅައިގެން ބަހުރެއިނުން ވަނީ 'ރަތް ރޮނގު ހުރަސްކޮށްފައި" ކަމަށް ޖެނެރަލް ގާސިމް ސުލެއިމާނީ ވިދާޅުވި އެވެ.
"އެކަމުގެ އަގު ބަހުރެއިންގެ ވެރިން އަދާކުރަން ޖެހޭނެ އަދި ރަސްކަން ވައްޓާލާނެ،" ސުލެއިމާނީ ވިދާޅުވި އެވެ.
ބަހުރެއިންގެ ޝީއީ ލީޑަރެއް ކަމަށްވާ އާޔަތުﷲ އީސާ ގާސިމްއާ ދެކޮޅަށް ބަހުރެއިނުން ފިޔަވަޅު އަޅާފައި ވަނީ ގައުމުން ބޭރުގެ ބާރަކާ ގުޅުން ބާއްވައިގެން ބަހުރެއިންގެ މުޖުތަމައުގައި ބައިބައިވުން އުފައްދައި ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކުރުމަށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ ސަބަބުން ކަމަށް ބަހުރެއިންގެ އިންޓީރިއާ މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.
"ބަހުރެއިންގެ ރަށްވެހިކަން ލިބުނު ފަހުން ބޭރު ގައުމުތަކުގެ ދީނީ އަދި ސިޔާސީ ހިޔާލުތަކަށް ތަބާވާ ޖަމްއިއްޔާތައް އުފައްދަން މަސައްކަތްކޮށްފައިވާ އީސާ އަހުމަދު ގާސިމުގެ ރަށްވެހިކަން ވަނީ އަތުލާފައި،" އިންޓީރިއާ މިނިސްޓްރީގެ ބަޔާނާ ހަވާލާދީ ބަހުރެއިންގެ ނޫސް އޭޖެންސީއަކުން ބުނެފައިވެ އެވެ.
މީގެ ހަފްތާއެއް ކުރިން ބަހުރެއިނުން ވަނީ އެގައުމުގެ މައި އިދިކޮޅު ޖަމާއަތް ކަމަށްވާ އަލް ވަފަގް ސަސްޕެންޑުކޮށްފަ އެވެ. (ގާޑިއަން)