21 Jun 2016, 12:32
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރަޝިޔާ ވަކިވާން ޖެހުމާ އެކު އެ ޓީމްގެ ކޯޗު ކަމުގައި ހުރި ލެއޮނިޑް ސްލުސްކީ އިސްތުއުފާ ދޭނެ ކަމުގެ އިޝާރާތެއް ކޮށްފި އެވެ.
ރަޝިޔާގެ ޗެމްޕިއަން ސީއެސްކޭ މޮސްކޯގެ ކޯޗު ކަމުގައި ވެސް ހުރި ސްލުސްކީގެ ރަޝިޔާ ޓީމްއާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ރަޝިޔާގެ ކޯޗުކަން ސްލިސްކީއާ ހަވާލުކުރީ އޭރު އެ މަގާމުގައި ހުރި ފެބިއޯ ކަޕެއްލޯ މަގާމުން ދުރުކޮށްފަ އެވެ.
ސްލިސްކީގެ އިރުޝާދުގެ ދަށުން ރަޝިޔާ ޔޫރޯ އަށް ކޮލިފައިވި ނަމަވެސް އެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެ އެއް ޕޮއިންޓާ އެކު ގްރޫޕް ފުލުގައި އޮވެ ދެވަނަ ބުރަށް ނޮގޮސް ވަނީ ކަޓައިފަ އެވެ.
"މި ކަހަލަ ދަށް ގޮތަކަށް މުބާރާތް ދިއުމުން އަހަރެންނަށް ހީވަނީ އެހެން މީހަކަށް ފުރުސަތުދީ އަހަރެން ފަހަތަށް ޖެހެން ވެއްޖެހެން. ކުރިއަށް ހުރި މުބާރަތްތަކަށް ޓީމް ރަނގަޅަށް ތައްޔާރު ކުރެވޭނީ އާ ކޯޗަކަށް،" ރޭ ވޭލްޝް އަތުން ބަލިވި މެޗަށް ފަހު ސްލިސްކީ ބުންޏެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމެންދެން އެ ޓީމްގެ ކޯޗު ކަން ވަގުތީ ގޮތުން ސްލިސްކީއާ ހަވާލު ކޮށްފައިވާ އިރު 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެ ޓީމް ތައްޔާރުވާނީ އާ ކޯޗަކާއި އެކު ކަމަށް ވަނީ ބެލެވިފަ އެވެ.